09 May 2016, 11:09
ސްޕެނިޝް ލީގްގައި ރޭ އެތުލެޓިކޯ މެޑްރިޑް 2-1ގެ ނަތީޖާ އަކުން ލެވަންޓޭ އަތުން ބަލިވެ ލީގް ހޯދުމުގެ ފުރުސަތު އެ ޓީމަށް ގެއްލުނުއިރު ރެއާލް މެޑްރިޑް 3-2ގެ ނަތީޖާ އަކުން ވެލެންސިއާ އަތުން މޮޅުވެ ތާވަލުގެ ދެވަނަ އަށް އެ ޓީމު ޖެހިލައިފަ އެވެ.
ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ ލީގްގެ އެއް ވަނަ ދިފާއުކުރި އިރު އެ ޓީމް އެއް ވަނާގައި އޮތީ 88 ޕޮއިންޓާއި އެކު އެވެ. ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 87 ޕޮއިންޓް ލިބޭ އިރު ތިން ވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 85 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގްގައި ރޭ ރެއާލް މެޑްރިޑް އާއި ލެވެންޓޭ ކުޅުނު މެޗުގައި ޖޭމްސް އަތުން ބޯޅަ ހޯދުމަށް ލެވެންޓޭގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ
ލެވެންޓޭގެ ދަނޑުގައި ރޭ އެތުލެޓިކޯ އިން ދެވަނަ މިނެޓްގައި ފެނާންޑޯ ޓޮރޭސްގެ ގޯލުން ލީޑް ނަގާފައި ވަނަކޮށް ލެވެންޓޭ އިން ވަނީ ފަހަތުން އަރާ ދެ ގޯލު ކާމިޔާބު ކޮށް އެތުލެޓިކޯ ލީގް ހޯދުމުގެ ރޭހުން ބޭރުކޮށްލައިފަ އެވެ.
ރޭގެ އެ މެޗުގައި ލެވަންޓޭ އަށް ނަތީޖާ އެއްވަރު ކޮށްދިނީ 31 ވަނަ މިނެޓްގައި ވިކްޓާ ކަސަޑެސުސް އެވެ. އަދި ލެވަންޓޭ މޮޅު ކޮށްދިން ގޯލު މެޗުގެ އެންމެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ގިއުސެޕްޕީ ރޮސިސީ އެވެ.
އަނިޔާގެ ސަބަބުން ގޯލު ކީޕަރު ކޭލޯ ނަވާސް އާއި ގެރެތް ބޭލު ނުލާ ރެއާލްގެ ސެންޓިއާގޯ ބާނަބިއުގައި ކުޅުނު މެޗުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ކާމިޔާބުކުރި އިރު އަނެއް ގޯލު ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ވެލެންސިއާގެ ދެ ގޯލުގެ ތެރެއިން އެއް ގޯލު ރޮޑްރިގޯ ކާމިޔާބް ކުރިއިރު ދެވަނަ ގޯލު ކާމިޔާބް ކޮށްދިނީ އެންޑްރީ ގޮމެސް އެވެ.

ސްޕެނިޝް ލީގްގައި ރޭ އެސްޕަނިއޯލް އާއި ބާސެލޯނާ ކުޅުނު މެޗުގައި ސުއަރޭޒްގެ ގޯލަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
ލީގްގެ އެއްވަނާގައި އޮތް ބާސެލޯނާ ވެސް ވަނީ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ ދިފާއުކޮށްފަ އެވެ. އެސްޕަނިއޯލްއާ ދެކޮޅަށް ކުޅުނު އެ މެޗު 0-5ގެ ނަތީޖާ އަކުން ބާސެލޯނާ ކާމިޔާބް ކުރި އިރު ފަސް ގޯލުގެ ތެރެއިން ދެ ގޯލު ލުއިސް ސުއަރޭޒް ކާމިޔާބް ކުރިއިރު ލިއޮނަލް މެސީ، ނޭމާ އަދި ރަފިންހާ ވަނީ އެއް ގޯލު ކާމިޔާބް ކޮށްދީފަ އެވެ.
ލީގްގައި ކޮންމެ ޓީމަކަށް ވެސް ބައިކީ އެއް މެޗު އޮތް އިރު ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް ބާސެލޯނާ އަށް ލީގް ލިބެން އޮތް އިރު އެ މެޗުން ބާސެލޯނާ ބަލިވެ ނުވަތަ އެއްވެރު ވެއްޖެ ނަމަ ދެވަނާގައި އޮތް ރެއާލް މެޑްރިޑް، ކުޅޭ މެޗު ކާމިޔާބުކޮށް އެ ޓީމަށް ލީގް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.