މި އަހަރުގެ ސެޕްޓެމްބަރު މަހު، ރަޝިއާގެ މޮސްކޯގައި ބާއްވާ، ފަތުރުވެރިކަމާ ބެހޭ 22 ބައިނަލްއަގުވާމީ ޓްރޭޑް ފެއާ "އޮދަޚް ލޭޝާ"ގައި، ރާއްޖޭގެ ފަރާތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބައިވެރިވާން ނިންމައިފި އެވެ.

މޮސްކޯ ލަގްޒަރީ ލޭޝާ ފެއާ އަކީ ރަޝިޔާގައި ޚަރީފު މޫސުމުގައި (އޯޓަމް ސީޒަން) ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ އެވެ. މޮސްކޯ ލަގްޒަރީ ލޭޝާ ފެއާގައި ރަޝިއާގެ ފަތުރުވެރިކަމާއި ލަގްޒަރީ ޓްރެވަލް ޚިދުމަތަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި ފެއާ އެވެ.

މަޓާޓޯ އިން ބުނާ ގޮތުގައި، ލަގްޒަރީ ލޭޝާ ފެއާގައި ލަގްޒަރީ ރިސޯޓުތަކާއި ހޮޓެލްތަކާއި ދަތުރުފަތުރުގެ ވީއައިޕީ ޚިދުމަތާއި ކްރޫޒްއާއި ޔޮޓާއި އެއާ ޗާޓަރު ޚިދުމަތުގެ އިތުރުން، ސިއްޚީ ޚިދުމަތާއި، ތައުލީމީ ފުރުސަތުތަކާ އެހެނިހެން ޚިދުމަތްތައް ވެސް ޕްރޮމޯޓުކޮށް، އެގްޒިބިޓު ކުރެވޭނެ އެވެ.

މިދިޔަ ތިން އަހަރު ވެސް މަޓާޓޯއިން މި ފެއާގައި ބައިވެރިވެފައިވާ އިރު، އެގްޒިބިޝަންގައި މަޓާޓޯގެ މެމްބަރު ނޫން ޓްރެވަލް އޭޖެންޓުންނާ ޓުއާ އޮޕަރޭޓަރުންގެ އިތުރުން ހޮޓަލިއަރުންނަށް ވެސް، މަޓާޓޯއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މަޓާޓޯ އިން ބުނީ، މޮސްކޯ ލަގްޒަރީ ލޭޝާ ފެއާ އަކީ މަޓާޓޯ އިން ބައިވެރިވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބުއެއް ފެއާ ކަމަށެވެ. އަދި މި ފެއާގައި މަޓާޓޯގެ މެމްބަރުންގެ އިތުރުން، މެމްބަރު ނޫން އޭޖެންޓުން ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މި އަހަރުގެ އޮދަޚް ފެއާގައި ދުނިޔޭގެ 70 ގައުމަކުން 700 އަށް ވުރެ ގިނަ ފަރާތުން މި ފެއާގައި ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، މި ފެއާއަށް 60،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ.