09 May 2016, 15:53
އަލްގުދުސް (މޭ 9): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 2015 ވަނަ އަހަރުގެ ކެމްޕެއިނަށް ސައުދީ އަރަބިއާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުﷲ ފަންޑު ކުރެއްވި ކަމަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ޓެކްސް ދެއްކުމުގައި ހިޔާނާތްތެރިވުމަށް އެހީވެދޭ ޕެނަމާގެ ކުންފުންޏެއް ކަމަށްވާ މޮސެކް ފޮންސެކާއިން ލީކުވި "ޕެނަމާ ޕޭޕާސް"އާ ހަވާލާދީ އިސްރާއީލް ލޭބާ ޕާޓީގެ ޗެއާމަން، އިސާކް ހެރްޒަގް ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫގެ ކެމްޕެއިނަށް ސަލްމާން ރަސްގެފާނު 80 މިލިއަން ޑޮލަރު ދެއްވާފައިވާ ކަމަށެވެ.
"ސީރިއަން ސްޕެނިޝް މީހެއް ކަމަށްވާ މުހައްމަދު އިޔާދު ކަޔާލީ މެދުވެރިކޮށްގެން ސަލްމާން ރަސްގެފާނު ވަނީ މާޗް 2015އިގައި ނަތަންޔާހޫގެ ކެމްޕެއިނަށް 80 މިލިއަން ޑޮލަރު ޖަމާ ކުރައްވާފަ. ފައިސާ ޖަމާ ކުރީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ހުންނަ ކުންފުންޏެއްގެ އެކައުންޓަށް. އެ ކުންފުނީގެ ވެރިޔާ އަދި އިސްރާއީލުގެ ބިލިއަނަރު ވިޔަފާރިވެރިއެއް ކަމަށްވާ ޓެޑީ ސަގީ ވަނީ އެ ފައިސާ ބޮޑުވަޒީރު ނަތަންޔާހޫގެ ކެމްޕެއިނަށް ހަރަދު ކުރައްވާފައި،" ހެރްޒަގް ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު ބޮޑުވަޒީރު ނަަތަންޔާހޫ ވަނީ އިސްރާއީލާއި އަރަބި ގައުމުތަކާ ދެމެދު އޮތް ގުޅުންތައް ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން ސައުދީ އަރަބިއާގެ އަސްކަރިއްޔާގައި އިސް ދައުރެއް އަދާކޮށްފައިވާ ފަރާތަކުން ވަނީ، އަރަބި ގައުމުތަކުން ހުށަހަޅާ ގޮތަކަށް އިސްރާއީލުން ފަލަސްތީނު-އިސްރާއީލު މައްސަލަ ނިންމަން އެއްބަސްވެއްޖެ ނަމަ އިސްރާއީލުގައި ސައުދީ އަރަބިއްޔާގެ އެމްބަސީއެއް ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. (ޕްރެސްޓީވީ)