މި އަހަރުގެ ރޯދަ މަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ ރޯދަ މަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ކަމުގައި ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށެވެ.

އާންމު މަސް މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ކަމުގައި ރައީސް ޔާމީން ހަމަޖައްސާފައިވާ ކަމަށެވެ.

މިއަހަރުގެ ރޯދަމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.