ކުޑަކުދިންގެ އަމިއްލަ ނަމުގައި އެކައުންޓް ހުޅުވުމުގެ ހިދުމަތް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، ކުޑަކުދިންގެ ސޭވިން އެކައުންޓްތައް ބެލެނިވެރިންގެ ނަމުގައި ކުރިން ހުޅުވަމުން ދިޔަނަމަވެސް މިއަދު ތައާރަފްކުރި "ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓް"ގެ ހިދުމަތާއެކު ކުއްޖާގެ އަމިއްލަ ނަމުގައި އެކައުންޓްތައް ހުޅުވިގެންދާނެ ކަމަށެވެ.

ރުފިޔާ އެކައުންޓެއް 100 ރުފިޔާއިން ހުޅުވޭއިރު ދެ ޕަސެންޓް އިންޓްރެސްޓް ރޭޓެއް ލިބެއެވެ. އަދި ޑޮލަރު އެކައުންޓެއް 10 ޑޮލަރަށް ހުޅުވޭއިރު 1.5 ޕަސެންންޓް އިންޓްރެސްޓް ރޭޓެއްލިބެއެވެ.

އެކުއްޖާއަށް 18 އަހަރުވުމާއެކު އެކައުންޓް ކުއްޖާއަށް ލިބިގެންދާއިރު މިހާރު ހުޅުވޭ މައިނާ އެކައުންޓަކަށްވުރެ ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެ އެކައުންޓަށް ކޭޝްކާޑެއް އަދި ޗެކް ފޮތެއް ދުލެއް ނުކުރާނެ ކަމަށާއި ނަމަވެސް އެ އެކައުންޓުން މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަރު ބެލެނިވެރިޔާއަށް ލިބިގެންދާއިރު ބެލިނެވެރިޔާގެ އެކައުންޓުން އިތުރު ޗާޖަކާ ނުލައި ކުއްޖާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ބެލެނިވެރިންނަށް ސްޓޭންޑިން އޯޑަރެއްވެސް ބެހެއްޓިދާނެ ކޮންމެ މަހަކު ވަކިވަރެއް. އެއީ 1000 ރުފިޔާ 500 ރުފިޔާ ނުވަތަ 100 ރުފިޔާ ނަމަވެސް. އެމީހެއްގެ އެކައުންޓް ޑެބިޓްކޮށްފައި ކިޑްސް ސޭވާ އެކައުންޓަށް އޮޓަމެޓިކުން ޖަމާވާގޮތަށް، އަޅުގަނޑުމެން އެއަށް ޗާޖެއް ނުނަގާނެ،" ޝަރީފް ވިދާޅުވި އެވެ.

ފަހަށް ރައްކާތެރި ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ބޭންކުން ގަބޫލްކުރާއިރު އެސިފަ ކުޑަކުދިންގެ މެދުގައި އާލާކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އެ އެކައުންޓް ހުޅުވާއިރު ކުދިންނަށް ހަދިޔާ ދޭއިރު ކޮންމެ އަހަރަކު ލަކީޑްރޯއެއްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.