ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މެރިން ސައިންސް ސިމްޕޯޒިއަމް ބޭއްވުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ތައްޔާރުވެއްޖެ އެވެ.

އެމްއެންޔޫ އިން ބުނީ، މެރިން ސައިންސް ސިމްޕޯޒިއަމެއް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ވެއްޓާއި އެ ވެށީގައި އަގުނުކުރެވޭ ފަދަ ދިރުންތައް އިޔާދަކުރަނިވި ގޮތެއްގައި ބޭނުންކޮށް ދަމަހައްޓާނެ ގޮތްތަކާއި ބެހޭ މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުން ކަމަށެވެ.

އެގޮތުން، މެރިން ސައިންސްގެ ރޮނގުން ރާއްޖޭގައި ދިރާސާތައް ކުރިއަށް ގެންދަވާ ސައިންސްވެރިންނާއެކު ކުރިއަށްގެންދާ ސިމްޕޯޒިއަމްގައި ކަނޑުގެ ދިރުންތަކުގެ ނަސްލާއި މޫސުމީ ބަދަލުތަކާއި އޯޝިއަނޮގްރަފީ ފަދަ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

ގައުމީ ޔުނިވާސިޓީ އާއި މެރިން ރިސާޗް ސެންޓަރުގެ އިތުރުން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރު (އައިޔޫސީއެން) އަދި ބަންޔަން ޓްރީ މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދާ އެ ސިމްޕޯޒިއަމް ބާއްވާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، މެރިން ސައިންސް ސިމްޕޯޒިއަމަށް އަނގަބަހުންނާއި ޕޯސްޓަރުގެ ޒަރިއްޔާއިން ދިރާސާ ހުށަހެޅުމުގެ ފުރުސަތު ދިރާސާކުރައްވައި ވަކިވަކި ފަރުދުންނަށާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދާއިރާއަކުން ވެސް އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިއަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.