ރާއްޖޭގައި ތައުލީމު ހާސިލްކުރަމުން ނުދާ ޕްރައިމަރީގައި ކިޔަވަން ޖެހޭ އުމުރުފުރައިގެ 600 އަށް ވުރެ ގިނަ ކުދިން އެބަ ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ލިބުނު މައުލޫމާތުތަކާއި 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި މައުލޫމާތުން ދައްކާ ގޮތުން، 2014 ވަނަ އަހަރު ތައުލީމް ހާސިލުކުރަމުން ނުދާ އުމުރުން ހަ އަހަރާއި 15 އަހަރާ ދެމެދުގެ 622 ދަރިވަރުން ރާއްޖޭގައި އެބަ ތިއްބެވެ.

ރާއްޖޭގައި ތައުލީމު ހާސިލްކުރަމުން ނުދާ ދަރިވަރުންގެ ތަފާސް ހިސާބު --- ފޮޓޯ/ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އޭގެ ތެރެއިން ޕްރައިމަރީ ސްކޫލްތަކުގައި ކިޔަވަން ޖެހޭ ހަ އަހަރާއި 12 އަހަރާ ދެމެދުގެ 254 ދަރިވަރަކު ހިމެނޭ އިރު، ދަށު ސާނަވީ ސްކޫލްތަކުގައި ކިޔަވަން ޖެހޭ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ 368 ދަރިވަރަކު ތައުލީމު ހާސިލްކުރުމަށް އެއްވެސް ތައުލީމީ އިދާރާއަކަށް ނުދާކަން ވަނީ ހާމަވެފަ އެވެ.

ސްޓެޓިސްޓިކް ބިއުރޯ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު ނާސަރީ ގްރޭޑްތަކަށް ވަތް ދަރިވަރުންނަށް ވުރެ ޕްރައިމަރީ ގްރޭޑްތަކަށް ވަތް ދަރިވަރުންގެ އަދަދު ގިނަ އެވެ. އެގޮތުން މިދިޔަ އަހަރު ނާސަރީ އަށް 20،000 އަށް ވުރެ ގިނަ ދަރިވަރުން ވަތްއިރު، ގްރޭޑް އެކަކުން ހަތަކަށް ވަތް ކުދިންގެ އަދަދު 40000 އަށް ވުރެ މައްޗެވެ.

މިދިޔަ އަހަރު ސްކޫލްތަކަށް ވަތް ދަރިވަރުންގެ ތަފާސް ހިސާބު --- ފޮޓޯ/ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އަދި 2001 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތު ދައްކާގޮތުން، 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު މަތީ ތައުލީމު ހާސިލުކުރަންވަތް ދަރިވަރުންގެ ނިސްބަތްވަނީ ބޮޑުތަން އިތުރުވެފަ އެވެ.

ނަމަވެސް 2015 ވަނަ އަހަރުގެ ތަފާސް ހިސާބުން ދައްކާ ގޮތުން ހާއްސަަ އެހީއަށް ބޭނުންވާ ކުދިން ސްކޫލްތަކަށް ވަދެފައިވާ ނިސްބަތް ވަރަށް ދަށެވެ.

ދިވެހި ބަސް ލިޔަންކިޔަން އެނގޭ އުމުރުފުރައަށް ބަލާ އިރު، 10 އަހަރާއި 17 އަހަރާ ދެމެދުގެ ފިރިހެން ދަރިވަރުންނަށް ވުރެ އަންހެން ދަރިވަރުން ދިވެހި ބަހަށް ފަރިތަކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ މައްޗަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހެދި ތަފާސް ހިސާބު --- ފޮޓޯ/ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެގޮތުން ދަރިވަރުންގެ ތެރެއިން ދިވެހި ބަސް ލިޔަންކިޔަން އެނގޭ އަންހެން ދަރިވަރުންގެ ޕަސެންޓަކީ 96.1 އެވެ. އަދި 94.6 ޕަސެންޓަކީ ދިވެހި ބަސް ލިޔަންކިޔަން އެނގޭ ފިރިހެން ދަރިވަރުންނެވެ.