11 May 2016, 16:20
ބަޣުދާދު (މޭ 11): އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ކާރު ބޮމެއް ގޮއްވާލައި 50 މީހަކު މަރާލައިފި އެވެ.
ބަޣުދާދުގެ ފުލުހުން ބުނި ގޮތުގައި ބޮން ހަރުކޮށްފައި ހުރި ކާރެއް ގޮއްވާލާފައި ވަނީ ސަދްރު ސިޓީގެ ގިނަ ބަޔަކު އެއްވެފައިވާ މަގެއްގަ އެވެ. 50 މީހަކު މަރުވުމުގެ އިތުރުން 100 ވަރަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ބަޣުދާދުގެ ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި ހަމަލާ ދީފައިވަނީ ކާރުގައި އިން މީހަކު ޖާނުން ފިދާވެގެން ކަމަށް ބުނެފައިވެ އެވެ.
ފާއިތުވި ދެހަފްތާ ތެރޭގައި އައިއެސް އިން ވަނީ ބަޣުދާދުގައި ޝީޢީން ދިރިއުޅޭ ސަރަހައްދުތަކަށް ދެ ހަމަލާއެއް ދީފަ އެވެ. އެހަމަލާތަކުގައި 41 މީހަކު މަރުވެފައިވެ އެވެ.
ޔޫއެން އިން ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހު އެކަނިވެސް 741 މީހަކު މަރުވެފައިވެ އެވެ. (އަލްޖަޒީރާ)