12 May 2016, 18:38
ގދ. ގައްދޫގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މިސްކިތް 9.4 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތަކީ އެއްފަހަރާ 900 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށެވެ. އެ މިސްކިތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، އުއްމީދަކީ އެއްއަހަރު ދުވަސް ތެރޭގައި މިސްކިތް ނިމި އޭގެ އެންމެ ފުރިހަމަ ގޮތުގައި ގައްދޫ ރައްޔިތުންނަށް މިސްކިތުގެ ބޭނުން ހިފުން ކަމަށެވެ.
ގައްދޫގައި އިމާރާތްކުރާ އެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ.