އުރީދޫ މޯލްޑިވްސް އިން "ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް"ގެ ނަމުގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ލޯންޗުކޮށްފި އެވެ.

އެ ހިދުމަތް ލޯންޗުކޮށްފައި ވަނީ ހެންވޭރު ހިތްފަސޭހަ މައިދާނު (އާޓިފިޝަލް ބީޗު)ގައި މިހާރު ކުރިއަށްދާ އުރީދޫ މިއުޒިކް ނައިޓްގެ ތެރޭގައެވެ. އެ ހިދުމަތް ލޯންޗުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އުރީދޫއަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސެންސް، ސަރުކާރުން ދީފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އުރީދޫ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި ފިކްސްޑް އިންޓަނެޓު ފޯރުކޮށްދޭނެ ތިންވަނަ ފަރާތަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، އުރީދޫ "ސުޕަނެޓް" ގެ ސަބަބުން ރާއްޖޭގެ ހުރިހާ ގެއަކަށް ސީދާ ފައިބަރު ގުޅިގެން ގޮސް، ރާއްޖޭގެ ހުރިހާ ހިސާބަކަށް އިންޓަނެޓް ހިދުމަތް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އުމަރު ވިދާޅުވީ، ވާދަވެރި މާހައުލެއްގެ ތެރެއިން ރާއްޖޭގައި އައިސީޕީގެ ދާއިރާ ފުޅާކުރަމުން ގެންދިއުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި އެ ދާއިރާގައި ރާއްޖެ އަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނަށް ފޯރުކޮށްދީ، މަސައްކަތްތައް ލުއިފަސޭހަ ކޮށްދިނުން ކަމުގައެވެ.

އަދި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް ބާރު ސްޕީޑުގައި އިންޓަނެޓު ފޯރުކޮށްދޭނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.