ހުޅުމާލޭގައި އަލަށް ބިނާކޮށްފައިވާ ކުޑަކުދިންގެ ހިޔާ (ފިޔަވަތި) ގައި ތިބޭ ކުދިންނާމެދު އަނިޔާވެރި، ލާއިންސާނީ އަމަލެއް ހިނގާތޯބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެތަނަށް ޒިޔާރަތްކޮށްފި އެވެ.

އެޗްއާރުސީއެމުން މިއަދު ބުނީ، އެ ކޮމިޝަނުން ހުޅުމާލޭ ފިޔަވައްޗަށް މިއަދު ކުރި ޒިޔާރަތުގެ މަގުސަދަކީ، އެ ހިޔާގައި ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިންނާމެދު އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯބެލުން ކަމަށެވެ.

"މިޒިޔާރަތުގެ މަޤްސަދަކީ... ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ތިބޭ ފަރާތްތަކަށް ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްގެއް، ގެއްލޭފަދަކަމެއް ހިޔާގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނާމެދު ހިނގާތޯބަލައި، ފިޔަވަތީގައި ތިބޭ ކުދިންގެ އާއްމު ހާލަތު ދެނެގަތުން،" އެޗްއާރުސީއެމުން ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތަށް ފަހު އެ ކޮމިޝަންގެ ވެބްސައިޓުގައި ލިޔެފައިވެއެވެ.

މީގެ އިތުރުން ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ދެނެގަތުމާއި، ފިޔަވަތީގެ އާންމު ހާލަތާއި އަދި ތަނުގެ އިމާރާތުގެ ހާލަތު ދެނެގަތުން ހިމެނޭ ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ، އެ ކޮމިޝަނުން އާއްމުކޮށް އަމަލުކުރަމުންދާ އުސޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލައި، އަވަސް ކަރުދާހެއް ކުޑަކުދިންގެ ހިޔާއަށް ލިޔުމުން ހިއްސާކުރާނޭ ކަމަށެވެ.

އެ ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތަފްސީލީ ރިޕޯޓެއް ތައްޔާރުކޮށް ކުޑަކުދިންގެ ހިޔާ އާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާ ކުރާނެ ކަމަށާއި ކޮމިޝަނުގެ ރިޕޯޓްގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީއާ ބައްދަލުކޮށް، ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ބަލާނޭ ކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮތް ބިމުގައި އިމާރާތް ކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ ޔޫއޭއީގެ މަހުމޫދު އަލް ހާޖާގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ތަނެކެވެ.

ބާރަ ކޮޓަރީގެ އިމާރާތުގައި ހުރިހާ ހިދުމަތެއްވެސް ދެނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ. ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ. އެތަން ރަސްމީކޮށް ހުޅުވާފައި ވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.