15 May 2016, 11:24
ތިލަފުށީގައި ތާރު އަޅައިގެން 820 މީޓަރު ދިގު މަގެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.
އެ މަގުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފުރަތަމަ އިއުލާން ކުރީ މީގެ ހަތަރު މަސް ކުރިންނެވެ.
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށީގެ، ތިލަފުށި އެކެއް އަދި ޓީއައިޒެޑް ގުޅުވައި ދިނުމަށް މިހާރު ހެދިފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން، ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގުހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައި ނުވާތީ އެ އިއުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ބީލަން ފޮތުގެ އަގަކީ 100 ޑޮލަރު ކަމަށެވެ. އަދި ބީލަން ހުށަހަޅާއިރު ބޭންކު ގެރެންޓީގެ ގޮތުގައި 19500 ޑޮލަރު ހުށަހަޅަންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ތިލަފުށި ކޯޕަރޭޝަނުން ބުނީ ބޭންކް ގެރެންޓީގެ މުއްދަތަކީ މަދުވެގެން 90 ދުވަސް ކަމަށެވެ.
ތިލަފުށި ކޯޕަރޭޝަނުން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯސަލް އަދި ކޮމާޝިއަލް ޕްރޮޕޯސަލްގެ ގޮތުގައި ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ވަކި ދެ ސިޓީ އުރައެއްގައި ކަމަށް ވެސް އެ ކޯޕަރޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.