15 May 2016, 12:31
ޑްރަގް ކޯޓުން ފަރުވާ ހުއްޓުވުމުން އެކަމާ ހިތްހަމަނުޖެހިގެން ރޭޒަރު ތިލައަކުން އަމިއްލަ އަތް ޒަހަމްކޮށްލި ފިރިހެނެއްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނު މީހެއްގެ މައްސަލަ މިއަދު 10:50 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ ރޭޒަރު ތިލައަކުން އަތް ޒަޚަމްކޮށްލި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ ޒަހަމެއްކަން އަދި ސާފުނުވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެމީހާގެ ފަރުވާ ހުއްޓުވާފައިވަނީ ފަރުވާގެ ގަވާއިދާ ޚިލާފުވުމުން ކަމަށެވެ. އެހެންކަމުން ޑްރަގު ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ދެއަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ގާނޫނުގައި ބުނެފައިވާގޮތުން ޑްރަގްކޯޓުން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާ މީހުން ފަރުވާ ފުރިހަމަކޮށްފި ނަމަ ކޮށްފައިވާ ޖަލުހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ. އަދި ހުރިހާ ކުށުގެ ރިކޯޑެއްވެސް ސާފުވާނެ ކަމަށް ގާނޫނުގައިވެ އެވެ. ނަމަވެސް ފަރުވާ ފުރިހަމަ ނުކޮށްފި ނަމަ ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ.