15 May 2016, 20:43
ދައުލަތުގެ ބޭނުމަކީ ކުށްވެރިން އުފެއްދުމާއި، ކުށްވެރިން އުފެއްދުމަށް ހަރަދު ކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭއްވި ހަތަރު ކޯހެއް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އާމިރު ވިދާޅުވީ، ދައުލަތުން ބޭނުންވަނީ ކުށް މަދު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުގެ މައިގަނޑު ރޫހަކީ ބަޔަކަށް އަދަބު ދިނުން ނޫން ކަމަށާއި، އެ ގާނޫނުތަކުގެ ރޫހަކީ އެފަދަ ކަންކަމުން މީހުން އެއްކިބާ ކުރަން މަސައްކަތް ކުރުން ކަމަށް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުށް ކޮށްގެން ޖަލަށް އަންނަ ފަރާތްތަކުން އިލްމާ ހުނަރު ހޯދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާއްސަ އިންސްޓިޓިއުޓެއް ގާއިމު ކޮށްފައިވާ ކަމީ މަރުހަބާ ހައްގު ކަމެއް ކަމަށެވެ.
"ކުށްވެރިންގެ ގޮތުގައި ޖަލަށް އަންނަ މީހުންނަށް ވެސް، އިތުރަށް އިލްމު އުގެނުމުގެ ފުރުސަތު އޮތް ތަނެއްގެ ގޮތުގައި [މިތަން ވެއްޖެ]. ގާނޫނުގެ ތެރެއިން މަފްހޫމުތަކެއް ހެދިޔަސް، ފަރުދީ ޝައުގުވެރިކަން ނެތި މިކަންކަން ރަނގަޅަކަށް ނުހިނގާނެ،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ، ގައިދީންނަށް އާމްދަނީ ލިބޭނެ ގޮތްތައް ވެސް، ކަރެކްޝަންސްގައި ވަސީލަތް ހުރި މިންވަރުން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެގޮތުން މިހާރުވެސް ތިލަފުށީގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މަސައްކަތުގެ ތެރެއިން ގައިދީންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާކަން އާމިރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.