މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 12 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރީ 195 މައްސަލަ އެކެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 219 މައްސަލައެއް އޭސީސީގައި ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެއީ 2015 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 12 ޕަސެންޓު އިތުރު އަދަދެކެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކޮމިޝަނުގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން ދިރާސާ ކުރުމަށް ފަހު، 212 މައްސަލައެއް ތަހުގީގު ކުރުމަށް ނިންމި ކަމަށެވެ. މިދިޔަ އަހަރު އެމުއްދަތުގައި ތަހުގީގު ކުރުމަށް ނިންމީ 157 މައްސަލައެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާގެ ތެރެއިން އެ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭތީ 18 މައްސަލައެއް ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފަ އެވެ. އެކަށީގެންވާ ވަރަށް މައުލޫމާތު ނެތިގެން 43 މައްސަލައެއް ވަނީ ނުބަލައި ދޫކޮށްލައިފަ އެވެ.