17 May 2016, 14:26
އައްޑޫ ސިޓީގެ ހަ ރަށަކާއި ޏ. ފުވައްމުލަކުގެ ކުނިކޮށި މެނޭޖު ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ފެކަނަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ނަމަވެސް މިއަދު އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު އޮފީހުގައި އެ މަސައްކަތް ކުރާނެ އާލަތްތަކާއި އެތަކެތި ހިންގާނެ މުވައްޒަފުން ނެތުމުގެ ސަބަބުން އެ މަސައްކަތް އެކަށީގެންވާ ފެންވަރެއްގައި ކުރެވިފައި ނުވާތީ ކަމަށް އެންވަޔަރަންމެންޓު މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ކުނި ކޮށީގެ މަސައްކަތް ފެނަކަ އަށް ނުކުރެވުމުގެ ސަބަބުން އެރަށު ކުނި ކޮށީގައި އެތައްފަހަރެއްގެ މަތިން ރޯވެ، އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ.
އައްޑޫ ސިޓީގެ ހަ ރަށަކާއި ޏ.ފުވައްމުލަކުގެ ކުނިކޮށި މެނޭޖު ކުރުމަށް އެމްއާރުޑީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤު ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގޭގެއިންނާއި ވިޔަފާރި ކުރާ ތަންތަނުން، އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުން އެކަށީގެންވާ ވަރުގެ ފީއެއް ނަގައިގެން، އެ ފީ އިން މަސައްކަތުގެ ހަރަދުތައް ހަމަޖައްސައިގެންނެވެ.
އަދި އެ މަސައްކަތުގެ އިތުރަށް ބޭނުންވާ ހަރަދުތަކަށް ހަމަޖައްސާނީ ސަރުކާރުން ވަކި ސީލިންގް އެއްގެ ދަށުން ސަބްސިޑީ އެއް ދައްކާގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް އެމްއާރުޑީސީ އިން ގޭގެއިން ކުނި ނަގާ، ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތަކާއި، ކުނި މެނޭޖުކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެހެންކަމުން މިހާރަށް މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެމްއާރުޑީސީ އިން ކުއްޔަށް ހިފައިގެން ނަމަވެސް އެތަކެތި ހަމަކޮށްގެން ކުރިއަށް ދާގޮތަށެވެ.
ނަމަވެސް ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަ ކުރުމުގެ ގޮތުން މި އަހަރު ނިމުމުގެ ކުރިން ކުނި އުފުލުމަށް ހާއްސަ އެއްގަމު އުޅަނދު ހޯދުމަށް ފަހު، ޕްރޮޖެކްޓް ގެ މަސައްކަތް ނިމުމާއި ހަމައަށް ސޮއި ކުރެވުނު އެއްބަސްވުމަށް އެކަށީގެންވާ ބަދަލުތައް ގެނައުމަށް ފަހު އެތަކެތި އެމްއާރުޑީސީއާ ހަވާލުކޮށްގެން މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލަކުގެ ކުނިކޮށި މެނޭޖުކުރުމަށް މިއަދު އެމްއާރުޑީސީ އާއި ހަވާލުކޮށްފައި ވާއިރު، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލަށް އަދި ހުވަދު އަތޮޅު ހިމެނޭ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނުގެ އެހީގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ގާއިމުކުރުމަށް ހަރަދު ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 2018 ވަނަ އަހަރުގެ ކުރިން ފުވައްމުލަކުގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒު ގާއިމުކުރެވި، އެކަށީގެންވާ ފެންވަރުގެ ކަލެކްޝަން ސިސްޓަމް އަކާއި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށު ފެންވަރުގައި މެނޭޖުނުކުރެވޭ ޒާތުގެ ކުނި ރަށުން ބޭރުކޮށް ހިތަދޫގައި ގާއިމުކުރާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް އުފުލުމުގެ ކަލެކްޝަން ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.