18 May 2016, 13:12
ރޯދަ މަސް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވާ އިރު އާންމު ކެއުންބުއިމަށް އެންމެ ބޮޑަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިހުގެ އަގު މިދިޔަ ރޯދަމަހާ އަޅާބަލާ އިރު އަގުހެޔޮވެއްޖެ އެވެ.
މިދިޔަ ރޯދަ ފެށެންކައިރިވި އިރު 380 ރުފިޔާ އާއި 400 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުން ދިޔަ ފިޔާ ބަސްތާ މިހާރު 180 ރުފިޔާ އާއި 190 ރުފިޔާ އާ ދޭތެރޭ އަގުތަކެއްގައި ވިއްކަން އެބަހުއްޓެވެ. އަދި މިދިޔަ ރޯދަ މަހު ފިޔާ ކިލޯއެއް 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކި އިރު މިހާރު ބާޒާރުގައި 10 ރުފިޔާއަށް ފިޔާކިލޯއެއް ލިބެން އެބަހުއްޓެވެ.
އަލުވީގެ އަގުތަކަށް ބަލާ އިރު މިިދިޔަ ރޯދަމަހާ ދިމާކޮށް 480 ރުފިޔާއަށް ވިއްކަމުން ދިޔަ އަލުވި ބަސްތާއެއް މިހާރު ބާޒާރުގައި 300 ރުފިޔާއާއި 350 ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ. އަދި މިދިޔަ ރޯދަޔާ ދިމާކޮށް އަލުވި ކިލޯއެއް 25 ރުފިޔާއަށް ވިއްކި އިރު މިއަދު ދަނީ 20 ރުފިޔާއަށް ވިއްކަމުންނެވެ.
މިދިޔަ ރޯދަމަސް ކައިރިވެފައިވަނިކޮށް 400 ރުފިޔާ އަށް ވިއްކި ބިސް ކޭސް މިއަދު ބާޒާރުގައި 320 ރުފިޔާ އަށް ވިއްކަން އެބަހުއްޓެވެ.
މިދިޔަ އަހަރަށް ވުރެ އެތިން ބާވަތުގެ އަގު މިދުވަސްކޮޅު ހެޔޮނަމަވެސް ރޯދަމަހާ ގާތްކޮށް އަގުމައްޗަށް ޖެހޭނެ ކަމަށް ބެލެވޭކަމަށް ބާޒާރުމަތީ ވިޔަފާރިކުރާ ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރޯދަޔާ ދިމާކޮށް އެސްޓީއޯ އިން އަންނަނީ ހެޔޮއަގުގައި ފިޔާ އަލުވި އަދި ބިސް ވިއްކަމުންނެވެ.
އެސްޓީއޯގެ އަގުތައް
ފިޔާ ބަސްތާއެއް 160 ރުފިޔާ އަށް
އަލުވި ބަސްތާއެއް 250 ރުފިޔާއަށް
ބިސް ކޭހެއް 275 ރުފިޔާއަށް
އެސްޓީއޯ އިން ބުނެފައި ވަނީ ރޯދަމަސް ނިމެންދެން އެތަކެތި ހެޔޮއަގުގައި ފޯރުކޮށްދޭނެ ކަމަށެވެ.