ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ތ. ތިމަރަފުށީގެ އެއްބައި ފެނު އަޑިއަށް ގޮސް، އެ އަތޮޅުގެ އިތުރު ރަށެއްގައި ވެސް ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ތ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާދިލް އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ، އެ އަތޮޅު ތިމަރަފުއްޓާއި ހިރިލަންދޫ އަދި ވޭމަންޑު އަށް ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ނުލިބޭ ކަމަށް އާދިލް ވިދާޅުވި އެވެ.

ތިމަރަފުށި ކައުންސިލްގެ ރައީސް ހުސައިން ޝަރީފު ސަަން އަށް ވިދާޅުވީ އިއްޔެ އިން ފެށިގެން ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށާއި 80 ވަރަކަށް ގެއަށް ފެން ވަދެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

"ރަށުގެ އުތުރު އަވަށް މިއޮތީ ހަމަ އެއްކޮށް ފެނުގެ އަޑީގައި،" ޝަރީފު ވިދާޅުވި އެވެ.

ވޭމަންޑު އަށް ކުރަމުން އަންނަ ވިއްސާރާގައި ރަށަށް ވެހުނު ފެން ގޮންޑޮޅިން މޫދަށް ފައިބަނީ --

ޝަރީފު ވިދާޅުވީ ގަދަ ވަޔާ އެކު ގުގުރަމުންދާތީ އިތުރު ގެއްލުންތަކެއް ރަށަށް ލިބިދާނެ ކަމަށް ޓަކައި ރަށުން ކަރަންޓް ވެސް ކަނޑާލާފައިވާ ކަމަށެވެ. އަދި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްޓީސީސީގެ ހައިމާކުތައް ބޭނުންކޮށްގެން ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އެރަށަށް ބޯކޮށް ވާރޭ ވެހެމުންދާ އިރު، އިތުރު ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ވޭމަންޑު އަށް ކުރަމުންދާ ވިއްސާރައިގައި އެ ރަށުގެ މަގުމަތީގައި ހުރި ރުކެއް މުލުން ލުހިގެން ވެއްޓިފައި ---

އެ އަތޮޅު ހިރިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ހަލީލް "ސަން" އަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި ދެ ފޫޓަށް ވުރެ ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ގުގުރުމާ އެކު ވާރޭ ވެހެމުން އަންނާތީ، ހެނދުނު 9:30 އިން ފެށިގެން ރަށުން ކަރަންޓު ކަނޑާލުމަށް ފަހު، އަލުން ކަރަންޓު ދީފައި ވަނީ 12 ޖަހާ އެހާކަންހާއިރު ކަމަށް ކައުންސިލުން ބުނެ އެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވެ އެ ރަށުގެ 27 ގެއަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ ކަމަށެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފައި ---

އޭގެ އިތުރުން އެ ރަށު ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ އަދި ދެ ފިހާރައަކަށް ވެސް ފެން ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެތަކަށް ފެން ވަދެފައި މިވަނީ އަޑިން ފެން ބޮޑުވެގެން. އެހެންވީމާ ބަސްތާ ޖެހުން އެއީ ހައްލެއް ކަމަކަށް ނުފެނޭ އަޑިން ފެން އަރާފައި ހުރީމާ،" އޭނާ ވިދާޅުވި އެވެ.

ވޭމަންޑޫގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ކޯރު ކޮނުމުގެ މަސައްކަތް ކުރަނީ ---

ހިރިލަންދޫ މަގުތަކުގައި ކޯރު ކަނޑައި ފެން ހިންދުމުގެ މަސައްކަތް ރައްޔިތުންނާއި ކައުންސިލް އަދި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު މިއަދު ސަން އަށް ވިދާޅުވީ، ހެނދުނު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓާނުލާ ކަމަށާއި، ރަށުގައި ފެން ބޮޑުވެ 30 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެފައިވާ ކަމަށެވެ.

މުފީދު ވިދާޅުވީ ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވަމުން އަންނަ ކަމަށެވެ.

"ފާހާނާ ތަށި ފްލަޝް ކޮށްލީމަ ފެންގަނޑެއް ނުދޭ އަޑިއަކަށް. މައްޗަށް އަރަނީ،" މުފީދު ވިދާޅުވި އެވެ.

ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ރަށުގެ ތިން ސަރަހައްދަކުން ކޯރު ކަނޑައި، މޫދަށް ފެންގަނޑު ބޭރުވާ ގޮތް ހަދާފައިވާ ކަމަށާއި، ގެތަކުގައި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މުފީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހެނދުނުގެ ވަގުތެއްގައި އެ ރަށަށް ނަގޫރޯޅިއެއް އަރައި، ސްކޫލަށް ގެއްލުންތަކެއްވެ ރަށުގައި ހުރި ބައެއް ރުއް ގަސްވެސް ވެއްޓިފައިވާ ކަމަށް މުފީދު ސަން އަށް ވިދާޅުވި އެވެ.

"ސްކޫލުގެ ދޮރުތައް ހަލާކުވެ، ޖަހާފައި ހުރި ޕާޓިޝަންތައް ވެއްޓިފައި ވަނީ. ނަސީބަކުން ކުއްޖަކަށް ގެއްލުމެއް ނުވޭ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.