މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހދ. ވައިކަރަދޫ ގޮނޑުދޮށުން އާދަޔާ ހިލާފު ބިސްތަކެއް ފެނިފައިވާ އިރު އެއީ ކޮން ޖަނަވާރެއްގެ ބިސްތަކެއްތޯ ވަރުގަދަ ބަހުސެއް އަންނަނީ ކުރެވެމުންނެވެ. އެއީ ކިނބޫ ބިސް ނުވަތަ ހަރުފަ ބިސްތަކެއް ކަމަށް އެއް ބަޔަކު ބުނަމުން އަންނަ އިރު އެކަމުގެ ސަބަބުން އެއް ބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ. ކޮންމެ އަކަސް ފެނުނު ބިސްތަކަކީ ރާއްޖެ އިން އާންމުކޮށް ފެންނަ ވައްތަރުގެ ބިސްތަކެއް ނޫނެވެ.

ވައިކަރަދޫ އިން ފެނުނު ބިސްތައް --- ފޮޓޯ: ސީއެންއެމް

ހަރުފަ ނޫނީ ނަންނުގަތި ބިހަށް ވެދާނެ

ވައިކަރަދޫ އިން ފެނުނު ބިސްތަކަކީ ދިގުކޮށް، ބަޓާނާގެ ބައްޓަމަށް ހުރި ބިސްތަކެކެވެ. އަދި ބޭރު ތޮށިގަނޑު މަޑުކޮށް ހުރި އެ ބިސްތައް ފެނިފައި ވަނީ ވެސް ކަޅު ފަހުން ފޫޓެއްހާ އަޑިންނެވެ.

އެއީ ހައްތަހާ ވެސް ހަރުފަ ނުވަތަ ނަންނުގަތި ބިހުގެ ސިފަތަކެވެ. ބައްޓަމަށް ބަލާއިރު ވައިކަރަދޫ އިން ފެނުނު ބިސްތައް އެންމެ ވައްތަރީ ހަރުފަ ނޫނީ ނަންނުގަތި ބިހާއޭ ބުނެވިދާނެ އެވެ.

ހަރުފަ ބިސް ---

ހަމައެއާ އެކު ވައިކަރަދޫ އިން ފެނުނު ބިސްތަކުގެ ތެރެއިން ބިހެއް ތަޅާލައިގެން ބެލި އިރު، އެ ބިހުގެ ތެރޭގައި ހަތަރު ގޮބޮޅިގަނޑު އޮތެވެ. ހަރުފަ ބިހުގެ ތެރޭގައި ވެސް ތިނެއް ނުވަތަ ހަތަރު ގޮބޮޅި ގަނޑު އޮވެ އެވެ.

ދެން ފެނުނީ ކޮން ފިޔަވަޅުތަކެއް؟

ބިސްތައް ފެނުނު ސަރަހައްދުން ފިޔަވަޅުތަކެއް ފެނިފައިވާ ކަމަށާއި އެއީ މޫދުން އެރި އެއްޗެއް އަޅާފައިވާ ބިސްތަކެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ހަމަގައިމު ވެސް ހަރުފަ ނުވަތަ ނަންނުގަތީގައި ފައެއް ނުހުރެ އެވެ. އެހެންކަމުން އެއީ ހަރުފަ އެޅި ބިސްތަކެއް ނޫން ކަމުގައި އެބަ ބެލެވެ އެވެ.

ފިޔަވަޅުތަކެއްގެ ވާހަކަ އައުމުން ދެން އެނބުރިލަން ޖެހެނީ ކިނބުލާ ދިމާލަށެވެ. ގިނަ ބަޔަކު އެއީ ކިނބޫ ބިސް ކަމުގައި ބުނަމުންދާތީ އެވެ.

ކިނބުލަކީ ފަހަކަށް އައިސް ދިވެހި ގޮނޑުދޮށްތަކާ ނިކަން ދޯޅު އެއްޗަކަށް މިވަނީވެފަ އެވެ. ހާއްސަކޮށް މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް އަވަށްޓެރި އިންޑިއާ އަދި ލަންކާގައި ވެސް ކޯރުތައް ބަންޑުން ދިއުމުގެ ހާދިސާތައް ހިނގަމުން އަންނަ އިރު އަނެއްކާ ވެސް ރާއްޖެ އިން ކިނބޫ ފެންނަ ދުވަސްވަރެއް ފެށެން އުޅެނީ ކަމަށް ވެސް ވެދާނެ އެވެ.

ކިނބޫ ބިސް ---

ނަމަވެސް ވައިކަރަދޫ އިން ފެނިގެން މި އުޅެނީ ކިނބޫ ބިހެއް ނޫނެވެ. ކިނބުލުގެ ބިހަކީ ދިގުކޮށް ހުއްޓަސް ވަރަށް އެއްވަރަށް ވައްކޮށް ހުންނަ ބިހެކެވެ. އަދި ބިސްތަކުގައި ވަނީ އެންމެ ގޮބޮޅި އެކެވެ. ވަރަށް ގިނަ ލިޔުންތައް ކިޔުމަށް ފަހު ވެސް ކިނބޫ ބިހެއްގައި ބައިވަރު ގޮބޮޅި ހުންނަ ކަމަކަށް ފެނިފައެއް ނުވެ އެވެ.

އެއީ ވެލާ ބިސް!

ވައިކަރަދޫ އިން ބިސްތަކެއް ފެނުމާ އެކު ގޫގުލްގެ އެހީގައި ވެސް ވަރަށް ގިނަ ދިރާސާތަކެއް މި ދެ ދުވަހު ކޮށްފީމެވެ. ކުރެވުނު މަސައްކަތުގެ އަލީގައި ބޮޑަށް ބުރަވެވުނީ ވައިކަރަދޫ އިން ފެނިފައި ވަނީ ވެލާ ބިސްތަކެއް ކަމަށެވެ.

އެ ބިސްތަކަކީ "ލޮގަހެޑް މަސްކް ޓާޓުލް" ނުވަތަ "ބޮގް ޓާޓުލް"ގެ ބިސްތަކެއް ކަމަށް ގަބޫލުކުރެވެ އެވެ. މިކަމާ ވަރަށް ގިނަ ބަޔަކު އިއްތިފާގު ވާނެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އެމެރިކާގެ ނޯތު ކެރޮލީނާގެ ގޮނޑުދޮށަކުން ފެނުނު ވެލާ ބިސްތަކަކާއި ވައިކަރަދޫ އިން ފެނުނު ބިސްތައް ވަރަށް ވައްތަރެވެ. ނޯތު ކެރޮލީނާ އިން ފެނިފައި ވަނީ ލޮގަހެޑް ޓާޓުލްގެ ބިހެވެ.

ނޯތު ކެރޮލީނާ އިން 2011 ވަނަ އަހަރު ފެނުނު ލޮގަރހެޑް މަސްކް ޓާޓުލްގެ ބިސް --

އެ ބިސްތަކުގައި ފަސް އިންޗި ހުރި އިރު، އެ ބިސްތަކުގެ ތެރޭގައި ފަސް ގޮބޮޅި އޮތެވެ. ވައިކަރަދޫ އިން ފެނުނު ބިސްތަކުގައި ހުރީ ތިން އިންޗި އެވެ. އެތެރޭގައި ހަތަރު ގޮބޮޅި އޮތެވެ.

ބޮގް ޓާޓުލްގެ ބިސް ---

ވައިކަރަދޫ ކައުންސިލުން އެ ބިސްތައް ސިފަކޮށްދިން ގޮތަށް ބަލާ އިރު "ބިސްތައް ހުރީ ވެލާ ބިސް ހުންނަ ގޮތަށް މަޑުކޮށެވެ. އެހެންކަމުން އެއީ ހަމަ ވެލާ ބިސްކަމަށް ވެދާނެ އެވެ. އޭރުން ފެނިގެން އުޅޭ ފިޔަވަޅުތަކަށް ވެސް ފަހަރުގައި ޖަވާބެއް ލިބިދާނެ އެވެ.

ވައިކަރަދޫ އިން ފެނުނީ ސީދާ ކޮން އެއްޗެއްގެ ބިހެއް ކަމެއް ކަނޑައެޅިގެން ނޭނގެ އެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތުން އެންމެ ބޮޑަށް ބެލެވެނީ އެއީ ކޮންވެސް ވައްތަރެއްގެ ވެލައެއްގެ ބިސްތަކެއް ކަމަށެވެ.