21 May 2016, 11:40
ކޮލަމްބޯ (މޭ 21): ސްރީލަންކާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ލަންކާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 64 މީހަކު މަރުވެފައިވާ ކަން ޔަގީންވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި ތާށިވެފައިވާ ކަމަށް ލަފާ ކުރެވޭ 132 މީހަކު ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ މިހާރުވެސް ކުރަމުންނެވެ. ނަމަވެސް، އެމީހުން ދިރިތިއްބާ ސަލާމަތް ކުރެވުމަކީ ނާދިރު ކަމެއް ކަމަށް ސަލާމަތީ ފަރާތްތަކުން ބުންޏެވެ.
"އަޅުގަނޑަށް ހިއެއް ނުވޭ އެއްވެސް މީހަކު ދިރިހުއްޓާ ފެންނާނެހެން. ބައެއް ސަރަހައްދުތަކުގެ ކިސަޑުގަނޑު ނުވަ މީޓަރަށް އަރާ. އެކަމަކުވެސް ވީހާވެސް ގިނަ މީހުން ސަލާމަތް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މީހުން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުއްވާ މޭޖާ ޖެނެރަލް ސުދަންތަ ރަނާސިންހޭ ވިދާޅުވި އެވެ.
އެއްހަފްތާ ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލަންކާ އިން އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ ކަގައްލޭ ޑިސްޓްރިކްޓަށެވެ. އެޑިސްޓްރިކްޓުން އެކަނިވެސް 34 މީހަކު މަރުވެފައިވެ އެވެ. (ރޮއިޓާސް)