އިސްލާމްއާބާދު (މޭ 21): ޕާކިސްތާނުގެ އުތުރުގައި އޮންނަ މުލްތާނުގައި އެ ގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، އަލްގައިދާގެ ޕާކިސްތާނު ގޮފީގެ ލީޑަރު، ތައްޔިބު ނަވާޒް މަރާލައިފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ނަވާޒް މަރާލާފައި ވަނީ އަލްގައިދާގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ހަތް މީހަކާ އެއްކޮށެވެ. ފުލުހުންނަށް ހަވާލާދީ ޑޯން ނިއުސްގައިވާ ގޮތުން ނަވާޒު މަރާލި އިރު އޭނާ ދިޔައީ އަލްގައިދާގެ އިތުރު ހަނގުރާމަވެރިންތަކަކާ އެކު މުލްތާނުގެ ޔުނިވާސިޓީއަކަށް ހަމަލާ ދޭން ރާވަމުންނެވެ.

މަރާލި އަށް މީހުންގެ ތެރޭގައި ނަވާޒް ހިމެނޭކަން ޔަގީންވީ ހަނގުރާމަވެރިންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އޮޓޮޕްސީ ހެދުމުންނެވެ.

އަލްގައިދާގެ ކޮމާންޑަރެއް ކަމަށްވާ ނަވާޒަކީ ޕާކިސްތާނު އަސްކަރިއްޔާގެ އިސް އޮފިޝަލަކު މަރާލުމާ ގުޅިގެންނާއި ޕަންޖާބު ޕުރޮވިންސަށް 4 ޑިސެމްބަރު 2009ގައި ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ފުލުހުން ހޯދަމުން އައި މީހެކެވެ. ޕަންޖާބުގެ ޕެރޭޑް ލޭނުގައި ހުންނަ މިސްކިތަކަށް 2009ގައި ދިން ހަމަލާގައި 36 މީހަކު މަރުވި އެވެ. (ޑޯން)