22 May 2016, 10:59
އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިނގުމުގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނީ، އެރަށު އިރުވައިމާގެ، މުހައްމަދު ޝަޒްލީން (25އ)ގެ މައްޗަށެވެ.
ދައުލަތުން މުހައްމަދު ޝަޒްލީންގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދުވަހެއްގައި ކުޑަކުއްޖަކާ އެކު އޭނާ ޖިންސީ އަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ޝަޒްލީން ވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި އޭނާ ވަނީ ކުށަށް އިއުތިރާފު ވެފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތު ކުރުމަށް ހެކިންގެ އިތުރުން ފުލުހުންގެ ތަހުގީގުގައި އޭނާ ވެފައިވާ އިއުތިރާފީ ބަޔާން ވެސް ގަރީނާއެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބެލުމަށް ފަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކުރު ހުކުމްގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ޝަޒްލީން އާއި ދެކޮޅަށް ފަސް ހެކި ލިބިފައިވާތީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށެވެ.