22 May 2016, 22:42
ސިޔާސީ ރެފިއުޖީންގެ ގޮތުގައި އެކި ގައުމުތަކުގައި ބޭފުޅުން ތިއްބަވާނޭ ކަަމަށާއި، އެހެންނަމަވެސް އެފަދަ ބޭފުޅުން ދޫކޮށްލުމަށްފަހު ގައުމުގެ ތަރައްގީއާއިގެން ކުރިއަށް ދިއުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
ހުޅުމާލޭގައި ތަރައްގީ ކުރާ ސެންޓްރަލް ޕާކުގެ ލެޝާ ޒޯން ރަސްމީކޮށް މިރޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މުޅި ރާއްޖެއަށް އަންނަމުންދާ ތަރައްގީ އޮޅުވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކިތަންމެ ރަނގަޅަށް ފެންނަން ހުރި ނަމަވެސް ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އެބަޖެހޭ އެފަދަ ކަންކަމަށް ހޭލާ ތިބެން. ހަގީގަތް ގަބޫލުކުރަން. ހަގީގަތާ ހިލާފަށް ދައްކާ ވާހަކަތަކަކީ އަޅުގަނޑުމެންނަށް ދެން އިތުރަށް އިޖާބަ ދެވޭނެ، އަޑުއަހާނެ ވާހަކަތަކަކަށް ވެގެން ނުވާނެ. އެހެންކަމުން އަޅުގަނޑުމެން މިކަމަށް ސަމާލުކަން ދޭންޖެހޭނެ. ރާއްޖޭގެ ތަރައްގީ ދާ ބާރުމިނުގެ ސަބަބުން ބޭރު ގައުމުތަކުގެ ސިޔާސީ ރެފިއުޖީކަން ހޯދާ ފަރާތްތައްވެސް ތިބޭނެ. އެފަރާތްތަކަށް އެ ފުރުސަތު ދީފައި އަޅުގަނޑުމެން ގައުމާއިގެން ދާންޖެހޭނީ ކުރިއަށް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީއަށް ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ.
އެގޮތުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ހުޅުމާލެ ޔޫތު ސިޓީގެ ބިން ހިމާޔަތް ކުރުމުގެ ގޮތުން ލާންޖެހޭ ތޮށި ލުމުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޔޫތު ސިޓީގެ މައި މަގުތައް ހެދުމަށް ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
"އަދި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ދެން ހުރި މަގުތައްވެސް ފެނާއި ނަރުދަމާ އަދި ދެންވެސް ހުރި ޔުޓިލިޓީސްގެ ހިދުމަތްތަކާއި އެކު ތަރައްގީ ކުރުމަށް ބަޔަކާ ވަރަށް އަވަހަށް ހަވާލު ކުރުމަށްޓަކައި، އެ މަސައްކަތްތައް ވެސް އެ ދަނީ ކުރެވެމުން،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގައި ތަރައްގީ ކުރާ ސެންޓްރަލް ޕާކުގެ ލެޝާ ޒޯން ތަރައްގީ ކޮށްފައި ވަނީ، ހިތްގައިމު މަންޒަރުތަކެއް ފެންނާނެ ގޮތަށް، ފެންގަނޑަކާއި ރޭމްޕެއް ވެސް ހިމެނޭ ގޮތަށެވެ.
އެތަން ރަސްމީކޮށް ހުޅުވައިދެއްވީ، ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ހުޅުމާލޭގައި ސެންޓްރަލް ޕާކް ހެދުމަށް އެޗްޑީސީއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަސައްކަތް ފަށައިފަ އެވެ. ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމުގައި ހަދާފައިވާ ބޮޑު ޕާކުގެ މަސައްކަތް އެއްކޮށް ނުނިމެނީސް، މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ އެތަން ހުޅުވާފަ އެވެ.