ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓި ހ. ދޫހިމެރިގެ، ނަދާލް ރަޝީދު، 25، މަރުވި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އެ ފަސް މީހުން އިއްޔެ ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އެ މީހުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ފުލުހުންނަށް އެންގުމަށް ޝަރުތުކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހީންނެވެ.އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު ކުރީކޮޅެވެ.

އެމީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އެނގިހުރެ މީހަކު މެރުމުގެ ތުހުމަތެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީޙް ވިދާޅުވެފައި ވަނީ މއ. ބޭރުމަތީގޭގެ ހަ ވަނަ ފަންގިފިލާއިން ނަދާލް ރަޝީދު ވެއްޓުނުއިރު އޭނާއާއެކު އެ އިމާރާތުގައި އުޅުނު ހަތަރު މީހެއްގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ދާއިމީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ނަދާލް ރަޝީދު ހަށިގަނޑުން ނެގުނު ބްލަޑް ސާމަޕަލް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި ޝަތީހު ވަނީ ވިދާޅުވެފައެވެ.

ނަދާލް ރަޝީދު ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީމަރުވެފަ އެވެ. އިމާރާތުން ވެއްޓި ނަދާލްގެ ބޮލުގެ ފުށްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ޝަތީހު ވަނީ ވިދާޅުވެފައެވެ.