ކުރީގެ ލޯބިވެރިން ކަމުގައިވާ ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފްގެ ކޯޅުންގަނޑަކީ މިހާރު މީޑިއާތަކަށް އާ ވާހަކައެއް ނޫނެވެ. ދެމީހުންގެ ގުޅުން ނިންމާލި އިރު ދެމީހުން އެކުގައި މަސައްކަތް ކުރަމުން ދިޔަ ފިލްމު "ޖައްގާ ޖާސޫސް"ގެ މަންޒަރުތައް ނެގުމަށް ވެސް އުނދަގޫ ވެގެން ދިޔަ އެވެ.

ރަންބީރު އަދި ކެޓްރީނާ އެކަކު އަނެކަކުގެ މޫނު ބަލަން ބޭނުން ނުވެ ތިބެ ނަމަވެސް މިހާރު ވަނީ ޖައްގާ ޖާސޫސްގެ މަސައްކަތް އެކީގައި ނިންމާލައިފަ އެވެ. އެ ފިލްމުގެ މަސައްކަތް ނިމިފައިވާ އިރު، ފިލްމުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު ފަހަނަ އަޅައި ގޮސް، ރިލީޒް ކުރަން ނިންމި ތާރީހު ވެސް ވަނީ ފަސްކޮށްފަ އެވެ.

ރަންބީރު އަދި ކެޓްރީނާ ވަނީ އެކުގައި ހަތަރު ފިލްމެއްގެ މަސައްކަތް ކޮށްފަ އެވެ. އެއީ ކާމިޔާބު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ"، "ރާޖުނީތީ"، "ބޮމްބޭ ޓޯކީސް" އަދި "ޖައްގާ ޖާސޫސް" އެވެ.

މިހާތަނަށް ރިލީޒްކުރި ތިން ފިލްމުގައި ވެސް ދެމީހުންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ފާހަގަވި އެވެ. އެހެންކަމުން، ދެ ތަރިން ރުޅިވި ނަމަވެސް އެ ދެމީހުން އެކުގައި ފެންނަން ގިނަ ބަޔަކު ތިބީ އަދި ވެސް ބޭނުންވެފަ އެވެ.

ނަމަވެސް ޖައްގާ ޖާސޫސް އަކީ ކެޓްރީނާ އަދި ރަންބީރު އެކުގައި ފެންނާނެ ފަހު ފިލްމަށް ވެދާނެ ކަމަށް ހަބަރުތައް ވަނީ ބުނެފަ އެވެ. "ޓައިމްސް އޮފް އިންޑިއާ"ގައި ބުނެފައި ވަނީ ޖައްގާ ޖާސޫސްގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ގާތު، އެއީ ދެމީހުން އެކުގައި ފެންނާނެ ފަހު ފިލްމު ކަމުގައި ރަންބީރު ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖައްގާ ޖާސޫސްގައި ހުރި ލޯބީގެ މަންޒަރުތައް ވެސް ކުރު ކުރުމަށް ރަންބީރު އަނޫރާގު ގާތު އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.