ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)އަށް، ޝަކުވާ ހުށަހަޅާ ފޯމު ހުސްވެގެން މާފުށީ ޖަލުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭ ގޮތް ނުވި ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަހުފޫޒު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ފަޔާޒު ވަނީ ކަރެކްޝަނަލް ސާވިސްއަށް ޝަކުވާ ހުށަހަޅާފައި ކަމަށެވެ. ނަމަވެސް އިތުރު ކަންތައްތަކަކާ ގުޅޭ ޝަކުވާ ހުށަހަޅަން ފޯމެއް ދިނުމަށް އެދުމުން ފޯމުތައް ހުސްވެފައިވާކަމަށް ކަރެކްޝަނަލް ސާވިސް އިން އޭނާ އަށް އަންގާފައިވާ ކަމަށް ފަޔާޒުގެ ވަކީލު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ ވެސް ވަނީ ސިޓީއަކުން ކަރެކްޝަނަލް ސާވިސްގައި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައި ކަމަށާއި އެ ސިޓީގެ ކޮޕީ ކްރިމިނަލް ކޯޓަށް ވެސް ވަނީ ފޮނުވާފައި ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވަނީ ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވި ތާރީޚާއި އެކަމަށް ހޭދަވި މުއްދަތު ބަޔާންކޮށް އަނެއްކާވެސް އެ ސާވިސް އަށް ސަބަބު ބަޔާންކޮށް ސިޓީއެއް ހުށަހެޅުމަށް މަހުފޫޒަށް އަންގާފައެވެ. އަދި އެއަށްފަހު އެކަންކަމަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުން އަޅާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ އެކަމާ ބެހޭގޮތުން އެއްޗެއް ދެންނެވޭނީ ކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ކަމަށެވެ.