ސަބް ސަހަރަން އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތައް 2050 ވަނަ އަހަރާ ހަމައަށްދާއިރު އިންސާނުންނަށް ދިރިނޫޅެވޭ ވަރަށް ހޫނުވެގެން ދާނެ ކަމަށް މޫސުމާބެހޭ ދިރާސާތައް ކުރާ ސައެންސްވެރިން ބުނެފި އެވެ.

ސައެންސްވެރިން ދާދިފަހުން ނެރުނު ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ ޖައްވު ހޫނުވުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ޓްރޮޕިކް އޮފް ކެންސާ އާއި ޓްރޮޕިކް އޮފް ކެޕްރިކޯން ސަރަހައްދުގައިވާ ހަނަފަސްކަންގަދަ ހިސާބުތަކަށެވެ. އެ ހިސާބުތަކުގެ ތެރޭގައި ގިނައީ ސަބް ސަހަރަން އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކެވެ.

މީގެ އިތުރުން ޗައިނާ އާއި އިންޑިޔާގެ ބައެއް ހަނަފަސްތަންތަނާއި ލެޓިން އެމެރިކާގެ މަދު އަދަދެއްގެ ހަނަފަސްތަންތަން ވެސް ޓްރޮޕިކް އޮފް ކެންސާ އާއި ޓްރޮޕިކް އޮފް ކެޕްރިކޯން ސަރަހައްދުގައިވެ އެވެ. ޓްރޮޕިކް އޮފް ކެންސާ އާއި ޓްރޮޕިކް އޮފް ކެޕްރިކޯން ސަރަހައްދުގައިވާ ސަހަރާތަކަކީ (ހަނަފަސް ތަންތަނަކީ) ޖޯގްރަފިކަލް ގޮތުންބަލާއިރު ވާރޭ ނުވެހޭ ހިކި އާދަޔާ ޚިލާފަށް ހޫނުގަދަ ތަންނަނެވެ. މިހާރުވެސް އެތަންތާނގައި ވަރަށް މަދުންނޫނީ މީހުން ނޫޅެއެވެ. އަދި ސަބް ސަހަރަން އެފްރިކާގެ ގައުމުތަކުގެ އެތަށްބަޔަކު މިހާރުވެސް ގެންދަނީ އެމެރިކާއަށާއި ޔޫރަޕަށް ހިޖްރަ ކުރަމުންނެވެ. މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ ހޫނުގަދަ އަދި ހަނަފަސް ގައުމުތަކެވެ.

މިގައުމުތަކުގައި ވެސް ގިނަ މީހުން ދިރިއުޅެނީ ކަނޑުގެ އައްސޭރި ފަށުގައިވާ ހިސާބުތަކުގައެވެ. ގަލްފުގެ ގައުމުތަކާއި ލީބިޔާ އާއި މިސްރަށް ބަލާއިރު ވެސް އެންމެ ހޫނުގަދަ ސަހަރާތަކުގައި ބޮޑެތި ސިޓީތަކެއް ނުވެ އެވެ. އެތަންތަނުގައި ދިރިއުޅެނީ މަދުބައެކެވެ. ނަމަވެސް ސައެންސްވެރިން ބުނާ ގޮތުން 2050 ވަނަ އަހަރާ ހަމައަށްދާއިރު މެދުއިރުމަތީގެ ސަހަރާތަކުގެ އައްސޭރި ފަށުގެ ސަރަހައްދުތަކުގެ ހޫނު ފިނިމިން ވެސް މީހުންނަށް ދިރިނޫޅޭވޭ ވަރަށް މައްޗަށްދާނެ އެވެ. ސައެންސްވެރިންގެ ދިރާސާތައް ދައްކާ ގޮތުން މި ސަރަހައްދުތަކުގެ ހޫނުމިން އަންނަނީ މަތިވަމުންނެވެ.

މިހާރު މިތަންތަނުގެ އެވްރެޖް ހޫނުމިން ސާޅީހާއި ސާޅީސް ފަހަކާ ދެމެދުގައި އުޅޭއިރު 2050 ވަނަ އަހަރަށްދާއިރު މިތަންތަނުގެ އެވްރެޖް ހޫނިމިން (ޚާއްސަކޮށް ހޫނު މޫސުމުގައި) 52 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ އެވެ. އެއީ އިންސާނުންނަށް ދިރިއުޅޭވޭ ވަރަށްވުރެ ހޫނު މާގަދަ މިންވަރެކެވެ. މީގެ އިތުރުން ދުނިޔޭގެ ޖައްވު ހޫނުވުމާއެކު ސަބް ސަހަރަން އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކަށް އަންނަ ވެއްޔާއި ހިރަފުހުގެ ތޫފާންތައް ވެސް މިހާރަށްވުރެ އެތަށް ގުނައެއް ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި ގިނަވެގެންދާނެ އެވެ.

މިހާރުވެސް ހޫނު މޫސުން ނިމޭ ދުވަސްވަރާއި ހޫނު މޫސުން ފެށޭދުވަސްވަރު އަންނަ ވެލީގެ ތޫފާންތަކުގެ ސަބަބުން އިރާގާއި ސައޫދީ އަރަބިޔާ އާއި އީރާނުގެ ދެކުނުގެ ސަރަހައްދުތަކާއި ޔޫއޭއީ އާއި ގަތަރު އަދި ކުވައިތުފަދަ ގައުމުތަކަށް ބޮޑެތި ދަތިތަކެއް ކޮންމެ އަހަރަކު ކުރިމަތިވަމުންދެ އެވެ. މި ތޫފާންތައް ސަބްސަހަރަން އެފްރިކާގެ ގައުމުތައް ކަމަށްވާ މާލީ ޗާޑް ނައިޖަރު އަދި މޮރިޓޭނިޔާފަދަ ގައުމުތަކަށް ވެސް ވަރަށް ގިނައިން އަންނަމުންދެ އެވެ. ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި ދުނިޔެއަށް އަންނަ މިބަދަލުތަކާއެކު ސަބް ސަހަރަން އެފްރިކާ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ރައްޔިތުން ޔޫރަޕާއި އެމެރިކާއަށާއި އޭޝިޔާގެ ގައުމުތަކަށް ހިޖްރަކުރާނެ ކަމަށާއި އެ ހިޖްރައިގެ ސަބަބުން އެ ގައުތަކުގެ އާބާދީ ވަރަށް ބޮޑަށް ދަށަށް ގޮސް އިގްތިސާދީ ހަރަކާތްތަކުގެ ބޮޑުބައެއް ހުއްޓުމަކަށް އަންނާނެ ކަމަށް ސައެންސްވެރިން އަންދާޒާކޮށްފައިވެ އެވެ.

އެގޮތަށް ދުނިޔޭގެ އެންމެ ފިނިގަދަ ހިސާބުތަކަށް އަންނާނެ ކަމަށް ބެލެވޭ ސްނޯ އާއި ގަނޑުފެނުގެ ތޫފާން ތަކުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ގިނަ ބަޔަކު ވެސް އެހެން ގައުމުތަކަށް ހިޖްރަކުރާނެ ކަމަށް ސައެންސްވެރިން އަންދާޒާ ކުރެއެވެ. ސްނޯއާއި ގަނޑުފެނުގެ ތޫފާންތައް އަންނާނެ ކަމަށް ލަފާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ސްކެންޑެނޭވިޔާގެ ގައުމުތަކާއި ކެނެޑާއާއި އެމެރިކާ އާއި ރަޝިޔާގެ ގިނަ ސަރަހައްދުތަކެއް ހިމެނެއެވެ. (އާރުޓީ)