27 May 2016, 13:36
އުމުރުން ދުވަސްވުމަކީ ތަބީޢީ ގޮތުން ވެސް ވަރަށް ގިނަ ބަދަލުތައް ހަށިގަނޑަށް އަންނަ ކަމެކެވެ. މިބަދަލުތަކަކީ ވަކި ބައްޔެއްގެ ސަބަބުން ކުރިމަތިވާ ބަދަލުތަކަކަށް ނުވިނަމަވެސް، އޭގެ ސަބަބުން އެމީހަކަށް ނުތަވަސްކަން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން މިކަންކަމަށް ތައްޔާރުވެ، ހުރުމަކީ އޭގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމާ، ހިތްހަމަނުޖެހުން ކުޑަކުރެވިދާނެ ކަމެކެވެ.
އުމުރުން ދުވަސްވުމުން ތަބީޢީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް
އުމުރުން ދުވަސްވުމަކީ ތަބީޢީ ގޮތުން ވެސް ހަށިގަނޑަސް ވަރަށް ގިނަގުނަ ބަދަލުތައް އަންނާނެ ކަމެކެވެ. އެގޮތުން އުމުރުން ދުވަސްވާވަރަކަށް ހަމުގެ ފަހެލިކަން ނެތިގޮސް، ހަމުގެ ނާޒުކުކަން އިތުރުވެ، ހަމުގައި ރޫޖެހުން އިތުރުވެ، ހަމުގައި ލައްޖެހުމާއި، މަސްކޮޅު އުފެދުން، ހަމުގެ ތެރެއިން ފަސޭހައިން ލޭއެރުން، ހަމުގައި ތަބީޢީގޮތުން ހުންނަ ތެޔޮކަމާ، އޮމާންކަން ނެތިގޮސް، ހަންގަނޑު ހިކިވެ، ކަހައި ހިރުވާގޮތްވުމަކީ ވެދާނެ ގޮތެކެވެ. މޫނުގައި ލައްޖަހައި، ރޫޖެހި، މޫނުގައި ހުރި ސަރުބީތައް ވިރި، ކޯވަޅު ވަދެ، ހިނދި، މޫނުގެ ހަމުން ބައެއް އެލިފައި ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.
އުމުރުން ދުވަސްވުމުން މައިބަދައިގެ ކަށިތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން، ގުދުލައި، ކުރިޔަށްވުރެ ކުރުހެން ހީވުމަކީ ވެދާނެ ގޮތެކެވެ. ހަށިގަނޑުގެ ހަރަކާތްތެރިކަމާއި، ހަމަހިފެހެއްޓުމަށް ބަދަލު ގެނުވައެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަހާފައިވާ މަސްތައް ހިނދި، ސަރުބީތައް ވިރި، މީހާގެ ހަށިގަނޑުން އަނަރޫފަކަން ފާޅުވުމަކީ ވެދާނެ ގޮތެކެވެ. ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ސަރުބީތައް މަދުވެ، ބަނޑާއި، ފޫކޮޅުގައި ސަރުބީ ހަރުލާގޮތް ވެއެވެ. ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓުން އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ހަށިގަނޑުގެ މަސްތައް ހިނދި، މަސްތަކުގެ ވަރުދޫވެ، ފަސޭހައިން ވާޅުވުމަކީ ވެދާނެ ގޮތެކެވެ. ހުޅުތަކުގެ ރިހުން އިތުރުވެ، ހުޅުތަކުގެ ފަހެލިކަން ކުޑަވެގެންދެއެވެ. ކަށިތައް ތުނިވެ، ފަސޭހައިން ބިނދި، ރެނދުލާގޮތް ވެއެވެ. ހުޅުތަކާ، ކަށިތަކާ، މަސްތަކަށް އަންނަ ބަދަލުތަކާ، ނާރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ހަށިގަނޑުގެ ހަމަހިފެހެއްޓުމަށް ބަދަލު އަންނަގޮތް ވެއެވެ.
އުމުރުން ދުވަސްވުމުން ދަތްތައް ނިކަމެތިވެ، ފަސޭހައިން ބިނދޭގޮތްވުމަކީ ވެދާނެ ކަމެކެވެ. ދަތްތައް އެއްކޮށް ނޫނީ ދަތްތަކުން ބައެއް ފޭބުމަކީ ވެސް ވެދާނެ ގޮތެކެވެ. ކުޅުދޫކުރާ ގޮށްތަކުން ކުޅުދޫކުރާ މިންވަރު ދަށްވެއެވެ. ހިރުގަނޑު ގިރި، ދަތްތަކުގެ ބުޑު ހާމަވެ، ފެނުމަކީ ވެސް ވެދާނެ ގޮތެކެވެ. މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަނގަތެރެހިކުން، ދަތްފަނިކެއުން، ހިރުގަނޑުގައި ޖަރާސީމު އެޅުން، ދަތްތައް ފޭބުން، އަދި ހިރުގަނޑުގެ ބަލިތައް ފެންމަތިވުމަކީ ވެދާނެ ގޮތެކެވެ.
އުމުރުން ދުވަސްވުމުން އިސްތަށިތައް ތުނިވެ، ދެރަވެ ނިކަމެތި ވެއެވެ. އިސްތަށިގަނޑު ހިކުމަކީ ބޯކަހައި ހިރުވައި، އުނދަގޫވާނެ ކަމެކެވެ. ނިޔަފަތީގެ ބައްޓަން ގެއްލި، ފަސޭހައިން ނިޔަފަތި ފަޅައިގެންދާގޮތް ވެއެވެ. ނިޔަފަތިތައް ހިކި، ނިޔަފަތި ތަކުގެ މެދުން "ރިޖް" ތަކެއް އުފެދުމަކީ ވެދާނެ ގޮތެކެވެ. ފައިގެ ބޮޑުވާއިނގިލީގެ ނިޔަފަތި ބޯވާގޮތް ވެއެވެ.
ހަނދާނުގެ މައްސަލަ ތަކަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމު މައްސަލަތަކެކެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކުޑަކޮށް ނޫނީ މަދުމަދުން ހަނދާން ނެތުމަކީ އަދި އުމުރުން ދުވަސްވުމުން ދިމާވާ ހަނދާން ނެތުން ނުވަތަ އަލްޒައިމާ ބަލި ނޫންކަމެވެ. ތަޅުދަނޑި ބޭއްވުނު ތަނެއް ނޭނގުން، ދޮރު ތަޅުލެވުނުކަން ހަނދާން ނުހުރުން ފަދަ ކަންކަމަކީ އުމުރުން ދުވަސްވުމުން ތަބީޢީގޮތުން ވެސް ދިމާވެދާނެ ކަންކަމެވެ. އުމުރުން ދުވަސްވުމުން ޖަރާސީމާއި ދެކޮޅަށް ހަރަކާތްތެރިވާ ލޭގެ ހުދު ސެލްތަކުގެ ބާރު ދަށްވެ، ފަސޭހައިން ހަށިގަނޑުގައި ޖަރާސީމު ހަރުލުމަކީ ގާތް ކަމެކެވެ.
އުމުރުން ދުވަސްވުމުން ކަންފަތުގެ އަޑުއިވުމަށް އެހީތެރިވެދޭ ނާރާއި، ކަންފަތުގެ އެތެރޭގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެން، ބީރުވުން ފަދަ ކަންކަން ދިމާވުމަކީ ވެދާނެ ގޮތެކެވެ. އަދި ބާރުއަޑުތައް އެހުމަކީ އުނދަގޫކަމަކަށް އޮންނަނީ ވެފައެވެ. ލޮލުގެ ފެނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ލޯތެރެ ހިކިފައި ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ލޮލުގެ ފެނުމަށް ބަދަލު އައިސް، ހިނގާބިނގާވެ އުޅުމަށް އެހެން މީހެއްގެ އެހީތެރިކަން ހޯދަންޖެހުމަކީ ވެދާނެ ގޮތެކެވެ.
އުމުރުން ދުވަސްވުމުން ވަހާއި ރަހައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ރަހައަށް ބަދަލުއައުމުން ކާހިތްކެނޑި، ކެއުން މަދުވެ، ބަރުދަން ލުއިވާގޮތް ވެއެވެ. ބައެއް ފަހަރު ފަހަރުވާ ނުހިފެހެއްޓި ގަޔަށް ކުޑަކަމު ދެވުމަކީ ވެސް ވެދާނެ ގޮތެކެވެ. ބަނޑުހިކި ފާޚާނާ ކުރަން އުނދަގޫވުމަކީ ވެސް އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވެދާނެ ކަމެކެވެ. ރަނގަޅަށް ނުނިދުމާއި، ނިދިމަދުވުމާއި، ރޭގަނޑު ނުނިދުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ. ރޭގަނޑު ދޭތެރެ ދޭތެރެއިން ހޭލެވި، ފުރިހަމަ ނިންޖެއް ހާޞިލްކުރުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ.
އުމުރުން ދުވަސްވުމުން ދިމާވާ ޞިއްޙީ މައްސަލަތައް
އާންމު ގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅުންހުރި، ގައިންގަޔަށްނާރާ ބަލިތައް އުމުރުން ދުވަސްވީ މީހުންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ އާންމުކޮށް ފާހަގަ ކުރެވޭ މައްސަލަތަކުގެ ތެރޭގައި ހަކުރު ބަލި، ލޭމައްޗަށްދިއުން، ލޭގެ ސަރުބީގެ މިންވަރު މަތިވުން، ފުއްޕާމޭގެ ބަލިތައް (މިސާލަކަށް ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް)، ހިތުގެ ބަލިތައް(މިސާލަކަށް ހާޓް އެޓޭކްޖެހުން)، ސްޓްރޯކްޖެހުން، ކެންސަރުގެ ވައްތަރުތައް (މިސާލަކަށް ފުއްޕާމޭގެ ކެންސަރު، ރަހިމުގެ ދޮރަށްޖެހޭ ކެންސަރު، އުރަމަތީގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު)، ރާއްޖެ ބައްޔާއި، މަޑުކަށި ގިރުން ފަދަ ހުޅުދުޅަވުމުގެ ވައްތަރުތައް، ކަށިފީވުން، ވެއްޓުމާއި، ރެނދުލުމާއި، އަގުނެއް ބިއްދައިގެން ދިއުން އަދި ތަންފާރުވުން ފަދަ މައްސަލަތައް ހިމެނެއެވެ.
އަތްފައި އައްސިވުމާއި، އުމުރުން ދޮށީ މީހުންނަށް ދިމާވާ ހަނދާންނެތުމާއި، އަލްޒައިމާ ބައްޔާއި، ފަހަރުވާ ނުހިފެހެއްޓުމާއި، ކިޑްނީގެ ބަލިތަކާއި، ލޯފުސްވުމާއި، އަޑުއިވުން ދަށްވެ، ބީރުވުމާއި، ނިދިނައުން، ނޫނީ ނިދިމަދުވުން، ކާހިތްނުވުން، ހިތާމަކުރުމުގެ ބައްޔާއި، ހާސްވެ ފިކުރުބޮޑުވުން ފަދަ ޞިއްޙީ މައްސަލަތަކަކީ ވެސް އުމުރުން ދުވަސްވުމުން ފެނުން ގާތް މައްސަލަތަކެވެ.
އުމުރުން ދުވަސްވުމުން ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރެއިން ގައިންގަޔަށްނާރާ ބަލިތަކަކީ އެބަލިތަކަށް ނޫނީ ހާލަތްތަކަށް ފަރުވާކޮށްގެން ކޮންޓްރޯލްކުރެވިދާނެ ބަލިތަކެއްކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ގިނަ ބަލިތަކަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް އާންމު ބަލިތަކެއްކަން ފާހަގަ ކުރެވެއެވެ. މިފަދަ ބަލިތައް ކޮންޓްރޯލްކުރެވެނީ ޑޮކްޓަރުން ލިޔެދެއްވާ ބޭސްތައް ގަވާޢިދުން ބޭނުންކުރުމާ އެކު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ހެޔޮ ބަދަލުތައް ގެނެވިގެންނެވެ. ގައިންގަޔަށްނާރާ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުން، ބޭސް ބޭނުންކުރާތާ ދުވަސްތަކެއް ވުމުން، ނޫނީ ބަލި ކޮންޓްރޯލްވުމުން، ޑޮކްޓަރުންގެ ލަފަޔާއި ނުލައި، އަމިއްލައަށް ބޭސް ހުއްޓާލާކަން ފާހަގަ ކުރެވެއެވެ. މިގޮތަށް އަމިއްލައަށް ބޭސް ހުއްޓާލުމުން ދުވަސްކޮޅަކުން އަނެއްކާވެސް އެމީހެއްގެ ހުރި ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.
އުމުރުން ދުވަސްވުމުން ތަފާތު ޞިއްޙީ މައްސަލަތަކަށް މަގުފަހިކުރާ ކަންތައްތައް
މީހެއްގެ ދުޅަހެޔޮކަން ފެށިގެން އަންނަނީ އުފަންވުމުގެ ވެސް ކުރިންނެވެ. ނޫނީ ޅަފުރާގައެވެ. އެހެންކަމުން ޞިއްޙީ ގޮތުން ރަނގަޅު އާދަތައް ގެންގުޅެންޖެހެނީކީ ހަމައެކަނި ދުވަސްވީމީހުންނެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި އާއިލާގެ ކުދި ބޮޑު އެންމެހާ އަފުރާދުންނަކީ ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް އިސްކަންދީގެން އަމަލުތައް ބަހައްޓާ ބަޔަކަށް ވާންޖެހެއެވެ. އެއީ އާއިލާގެ ހުރިހާ އެންމެން ވެސް އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތިކުރުމަށްޓަކައެވެ. އެހެނީ ބަލިވުމާއި، ޞިއްޙީގޮތުން ރަނގަޅު ނޫން އާދަތަކުގެ ސަބަބުން އުފާވެރި ދިރިއުޅުމަކުން މީހާ މަހުރޫމުވެގެން ދިއުމަށް މަގުފަހިވެގެން ދެއެވެ. އުމުރުގެ ފަހުކޮޅު ބަލި އެނދުގައި ހޭދަކުރަންޖެހުމަކީ ގާތް ކަމެކެވެ.
އުމުރުން ދުވަސްވީ މީހުންގެ ފުށުން ފެންނަ ވަރަށް ގިނަ ޞިއްޙީ މައްސަލަތަކުގެ އަސްލަކަށް ވެފައި އޮންނަނީ ހަޔާތުގެ ކުރީކޮޅާއި، އުމުރުން ދުވަސްވެ، މުސްކުޅިވުމާއި ހަމައަށް ދިރިއުޅުމުގައި ގެންގުޅެވިފައިވާ ޞިއްޙީ ގޮތުން ނޭދެވޭ އާދަކާދަ ތަކެވެ. އެގޮތުން އުމުރުން ދުވަސްވުމުން އެންމެ އާންމުކޮށް ފެންނަ ގައިންގަޔަށްނާރާ ބަލިތައް ޖެހުމާއި، ޞިއްޙީ ގޮތުން ރަނގަޅު ނޫން ތަފާތު 3 އާދައަކާއި ގުޅުން ހުންނަކަން ފާހަގަ ކުރެވެއެވެ. އެ 3 އާދައިގެ ތެރޭގައި ހިމެނެނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅޭ މިންވަރު އިތުރުވުން، ހެލިފެލިވެ ނޫޅުމާއި، ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުން، އަދި ޞިއްޙީ ގޮތުން ރަނގަޅު ނޫން ކާބޯތަކެތި މާގިނައިން ބޭނުންކުރުމެވެ.
ޞިއްޙީ ގޮތުން ރަނގަޅު ނޫން ކާބޯތަކެތި ބޭނުންކުރުން ކަމުގައި ބެލެވޭ ކަންތައްތަކުގެ ތެރޭގައި މާގިނައިން ހަކުރުލީ ފޮނިކާތަކެތި ބޭނުންކުރުން، މާގިނައިން ލޮނުއެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން، މާގިނައިން ތެލާއި، ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. އާއިލާގެ ތެރޭގައި ގައިންގަޔަށްނާރާ ބަލިތައް ދައުރުވަމުން އައުމަކީ އެއާއިލާގެ މެންބަރުންނަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.