28 May 2016, 10:36
ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުމަށް އެ ކްލަބާއެކު މަޝްވަރާކުރަމުން ދާކަމަށް އޭނާގެ އޭޖެންޓް ޝެޒަރީ ކުޝަރސްކީ ހާމަކޮށްފިއެވެ.
މިދިޔަ ސީޒަންގައި 30 ލީގް ގޯލް ކާމިޔާބުކޮށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރުމަށް ބަޔާނަށް އެހީތެރިވެދިން ޕޮލެންޑްގެ ހުނަރުވެރި ފޯވާޑް ލެވަންޑޯސްކީ ރެއާލް މެޑްރިޑާ ގުޅޭނެ ކަމުގެ އަޑުތަކެއް ވަނީ މީގެ ކުރީންވެސް ފެތުރިފައެވެ.
ބޮރޫޝާ ޑޯޓްމަންޑުން ވިދާލި، މިހާރު އުމުރުން 27 އަހަރުގެ ފޯވާޑްގެ އޭޖެންޓް ބުނީ، ލެވަންޑޯސްކީ ރެއާލާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަން ބަޔާނަށްވެސް މިހާރު އެނގޭނެ ކަމަށެވެ.
"ރެއާލް މެޑްރިޑުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަހަރެމެންނަށް ގުޅި. އެމީހުން ދެއްކި ހުރިހާ ވާހަކަތަކެއް އަހަރެމެން އަޑުއެހިން. އެއީ ބޮޑު އަދި ހައިރާންކުރުވަނިވި ކްލަބެއް. ރެއާލާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަން އަހަރެމެން ވާނީ، ބަޔާނަށްވެސް އަންގާފައި،" ޖަރުމަނުގެ ނޫސްމަޖައްލާއެއް ކަމަށްވާ ސްޕީގެލްއަށް ދިން އިންޓަވިއުއެއްގައި ޝެޒަރީ ކުޝަރސްކީ ބުންޏެވެ.
ބަޔާންއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ލެވަންޑޯސްކީ ބުނެފައި ވަނީ، ފުޓްބޯޅައިގައި ކޮންޓްރެކްޓަކީ ބަދަލު ނުކުރެވޭފަދަ ތަރިކައެއް ނޫންކަމަށެވެ. ގަބޫލުކުރަން ދަތި ނަމަވެސް ހަގީގަތަކީ މިއީ ކަމަށާއި، އެފަދަ ހާލަތެއްގައި އެންމެ ރަނގަޅުގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަަމަށް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނަ، ޒައިނުއްދީން ޒިދާންގެ ރެއާލުން ވަނީ، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ލެވަންޑޯސްކީ އެޓީމަށް ގެނައުމަށް އަހަރަކަށް 25 މިލިއަން ޔޫރޯ ހުށަހަޅައިފައެވެ.