30 May 2016, 11:53
ޒަމާނުންސުރެ ތ. ބުރުނީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނަސީބަކީ އެ ރަށު ފަޅަށް ރާގޮނޑި ވަނުމެވެ. މިފަހުގެ ތާރީހަކަށް ބަލާއިރު އެރަށު ފަޅުން ރާގޮނޑި ނުހިފާ އަހަރެއްނުދެ އެވެ. މިއީ އެހެން ރަށްރަށާ ބަލާ އިރު އެ ރަށަށް ލިބިފައިވާ ވަރަށް ވެސް ތަފާތު ނަސީބެކެވެ. އެކަމަށް އެރަށު ރައްޔިތުން ޝުކުރުވެރި ވަނީ އެކަން އެހެން ރަށްރަށުގެ މީހުންނާ ވެސް ހިއްސާކުރަމުންނެވެ.
އެރަށު ފަޅަށް ރާގޮނޑު ވަނުމާ އެކު އެ މަސްތައް ހިފުމަށް ރަށުގެ ދެ ޖިންސު ހަމަހަމަގޮތަކަށް ކުދި އަދި ބޮޑެތި އެންމެން ހަރަކާތްތެރިވެ އެވެ. އެގޮތުން ހިފާ މަސްތައް ރަށުގައި ދިރިއުޅޭ މީހުންގެ ބޮލަކަށް ޖެހޭ ވަރަށް ދަނީ ބަހަމުންނެވެ. އެއީ ޒަމާނުންސުރެ އެކަން އޮތްގޮތެވެ. މިފަހަރު އެ ރަށު ރައްޔިތުން މިވަނީ އެހެން ރަށްރަށު މީހުންނަށް ވެސް އެދައުވަތު ދީފަ އެވެ.
ބުރުނީ ކައުންސިލްގެ ރައީސް އުސްމާން އަރީފް މިއަދު ސަން އަށް ވިދާޅުވީ އެރަށަށް އަންނަ ރަށުން ބޭރުގެ ފަރާތްތަކުން ވެސް ރާގޮނޑި ހިފުމުގައި ހަރަކާތްތެރިވުމުން ރަށު މީހެކޭ އެއްވަރަށް ބައިދެމުން އަންނަ ކަމަށެވެ. އެހެންކަމުން މިއީ މަސް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް އޮތް ރަނގަޅު ފުރުސަތެކެވެ.
"އެތަކެތި ރަށުގެ ބޮލަކަށްވާވަރަށް ބަހާލަނީ، ދެން ރަށުން ބޭރުން މީހަކު ވެސް މަސް ހިފުމުގައި ބައިވެރިވެއްޖިއްޔާ ރަށު މީހެކޭ އެއްވަރަށް އެމީހަކަށް ވެސް ދޭނެ ބައެއް. ދެން ރަށު ފަޅުގައި އޮންނަ ދޯނިތަކަށް ވެސް ދޭނެ ލައިގެންކާ އެއްޗެއް ހެދުމަށް [ބޭނުންވާނެ މަސް]،" އުސްމާން ވިދާޅުވި އެވެ.
އެފުރުސަތު އޮތަށް މިހާތަނަށް ސީދާ އެކަމަށް އެ ރަށަށް މީހުންނެއް ނުދެ އެވެ. ނަމަވެސް މާލެއިން އެރަށަށް ދާ ބޯޓް ފަހަރާއި މަސްވެރިކަމުގައި އުޅޭ ދޯނި ފަހަރު އެ ރަށު ބަނދަރުގައި އޮންނަ އިރު އޭގައި މަސައްކަތްކުރާ މީހުން އައިސް މަސް ހިފުމުގައި ހަރަކާތްރެރިވާ ކަމަށް އުސްމާން ވިދާޅުވި އެވެ. އެގޮތަށް ބައިވެރިވާ މީހުންނަށް ބައިދޭ އިރު ރަށު ފަޅުގައި އޮންނަ ދޯނިތަކަށް ވެސް މަސް ދެމުން އަންނަ ކަމަށް އުސްމާން ވިދާޅުވި އެވެ.

އިއްޔެ ރާގޮނޑިއާ އެކު ލައްޓިވެސް ރަށު ފަޅަށް ވަނީ ވަދެފަ އެވެ. އެގޮތުން ބޮޑު ލައްޓި ކިޔާ 1400 އެއްހާ ލައްޓި ހިފި އިރު 260 ރާގޮނޑި ވަނީ އިއްޔެ ހިފައިފަ އެވެ. އެހެން އަހަރުތަކުގައި ވެސް ރާގޮނޑި ހިފާ މޫސުމުގައި އެރަށުން ލައްޓި ވެސް ހިފަ އެވެ.
ކޮންމެ ގެއަކަށް ވެސް ލިބޭ މަސް ކައްކައި ހިއްކައި ވަޅޯކޮށް ރިހާކުރު ކައްކައި ހެދުމަށް ފަހު ވިއްކުމަށް މާލެ ފޮނުވަމުން އަންނަ ކަމަށާއި އެކަމުން އެރަށަށް ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް އުސްމާން ވިދާޅުވި އެވެ. އެގޮތުން ލިބޭ އާމްދަނީ ބައެއް ފަހަރު ތިން ލައްކަ ރުފިޔާއަށް އަރާކަމަށް ވިދާޅުވި އެވެ.
އެރަށު ފަޅުތެރެއިން ރާގޮނޑި ހިފަމުން ދަނީ ހުޅަނގު މޫސުމާ ގުޅިގެންނެވެ. އެކަން ދެ ތިން މަހަށް ވެސް ބައެއް ފަހަރު ދެމިގެންދެ އެވެ. އެ މުއްދަތުގައި ކޮންމެ ދުވަހެކޭ ބުނެވޭހެން އެތައް ސަތޭކަ ރާގޮނޑި ހިފަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.