30 May 2016, 12:52
ދިވެހި މަސްވެރިން މަހަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން، މަސްވެރިން ބާނާ މަސް ގަންނަ އަގު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބޮޑުކޮށްފި އެވެ.
މިފްކޯ އަށް މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 19 ރުފިޔާ އަށެވެ.
މިފްކޯގެ ޗީފް ފިޝް ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް އޮފިސަރު އަންވަރު ސާދާތު މިއަދު ސަން ވިދާޅުވީ، މިއަދުން ފެށިގެން 1،500 ކިލޯ އަށް ވުރެ އިތުރަށް ކިރުވާ ކޮންމެ ކިލޯއެއް މިފްކޯ އަށް ގަންނާނީ ކިލޯއެއް 21.50 ރުފިޔާގެ މަގުން ކަމަށެވެ. ނަމަވެސް އަދި ވެސް 1،500 ކިލޯ އަށް ވުރެ މަދުން ކިރުވާ ނަމަ އަގަކީ ކިލޯއެއް 19 ރުފިޔާ އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ކުރިން ކޮންމެ އަދަދަކަށް ކިރުވިޔަސް އޮންނާނީ 19 ރުފިޔާ. ނަމަވެސް މިހާރު 1،500 ކިލޯއާ ހަމައަށް ކިރުމުން، ދެން އިތުރުވާ ކޮންމެ ކިލޯއަކަށް 21.50 ރުފިޔާ ލިބިލައްވާނެ. އެއީ 1.5 ކިލޯ އިން މަތީގެ ކަނޑުމަހާއި ކަންނެލި، އައިސް އަޅައިގެން ގެންނަ މަސް،" އަންވަރު ވިދާޅުވި އެވެ.
އަންވަރު "ސަން" އަށް ވިދާޅުވީ، މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލެއް ގެނައީ، މި ދޭތެރެއިން މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ މަސްވެރިން މަހަށް ނުނުކުމެ ދިއުމާ ގުޅިގެން، ބޭނުންވާ ވަރަށް މަސް ނުލިބުމުގެ ސަބަބުން ކަމަށެވެ. އަންވަރު ވިދާޅުވީ ކެޕޭސިޓީއާ އެއްވަރަށް މަސް ހޯދުމަށް ބޭނުންވާ ކަމަށާއި މަހުގެ އަގަށް ބަދަލު ގެނައުމުން މަސްވެރިން މަހަށް ނުކުތުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.
"ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަޕްގްރޭޑުކޮށް، ދަޅު ޕްރޮސެސްކުރުމުގެ މިންވަރު ބޮޑުވަމުން އަންނާތީ، ފެލިވަރަށް ގިނަ އަދަދެއްގެ މަސް ބޭނުންވޭ. އެ ދަނޑިވަޅުގައި، މި ދޭތެރެއިން މޫސުން ގޯސްވުމުން މަސްވެރިކަން ވަރަށް ދަށްވި. މަދު ދޯންޏެއް ނުކުތީވެސް. [އަގަށް ގެނައި ބަދަލުގެ ސަބަބުން] މަސް ބޭނޭ އަދަދު އިތުރު ކުރުމަށް މަސްވެރިންނަށް ހިތްވަރަކަށް ވާނެ،" އަންވަރު ވިދާޅުވި އެވެ.
މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި، ރާއްޖެ އިން ބޭރަށް މަސް އެކްސްޕޯޓުކުރާ އުޅަނދެއް ވެސް އޮންނަ ކަމަށާއި އެ އުޅަނދަށް ވެސް ބޭނުންވާ ވަރަށް، މަސްވެރިކަން ދަށްވި ދުވަސްވަރު، މަސް ނުލިބުނު ކަމަށް އަންވަރު ވިދާޅުވި އެވެ.
"މޫސުން ވެސް ގޯސްވެފައި، އަންދާޒާ ކުރި ވަރަށް މަސް ނުލިބުމުގެ ސަބަބުން އަގަށް ބަދަލު ގެންނަން ޖެހުނީ. ރޯދަމަހާ މިހާ ކައިރިވެފައިވާ އިރު، މަސްވެރިން މަހަށް ނުނުކުމެ ތިބުމާ ގުޅިގެން، އެމީހުން މަހަށް ނެރުމަށް ހިތްވަރަކަށް ވެގެން ދާނެ [މިގެނައި ބަދަލުން]. އަންވަރު ވިދާޅުވި އެވެ.