31 May 2016, 11:49
އިސްލާމީ މަރުކަޒު ސަރަހައްދުގައި ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން އެ ސަރަހައްދުގައި ކުރަމުން އަންނަ މާބުލް ޖެހުމުގެ މަސައްކަތް ރޯދަމަސް ފެށުމުގެ ކުރިން ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދަޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒު ސަރަހައްދުގައި މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތް ތާރީހަކީ މިއަދު ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން ރާވާފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރޯދައިގެ ކުރިއަށް މި މަސައްކަތްތައް ނިންމާލަމް. އިރާދަކުރެއްވިއްޔާ ރޯދައިގެ ފުރަތަމަ ދުވަހުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މާބުލް ޖަހަނީ ގާތްގަނޑަކަށް 4020 އަކަމީޓަރުގެ ސަރަހައްދެއްގައި ކަމަށާއި އޭގެ ސަބަބުން ރޯދަމަހު ވެސް އަދި އެހެނިހެން މަސްމަހު ވެސް އެ ސަރަހައްދުގެ ގަސްތައް ދޮށުގައި މީހުންނަށް އަޅުކަންކުރަން ތިބެވޭނެ ކަމަށެވެ. އަދި ރޭގަނޑު ވެސް ދީނީ އެކިއެކި ހަރަކާތްތައް އެތަނުގައި ހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސަރަހައްދުގައި މާބުލް ޖަހަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ޗައިނާ އިން ވަނީ އިސްލާމީ މަރުކަޒުގައި ޖަހާނެ މާބުލް ހިލޭ ފޯރުކޮށްދީފަ އެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ތިން މިލިއަން ހަރަދުވާނެކަމަށް ވިދާޅުވި އެވެ.

ޗައިނާ އިން އެ މަޝްރޫއަށް ދީފައިވާ ހިލޭ އެހީގެ ޖުމްލަ އަދަދަކީ 1.14 މިލިއަން ޔޫއެސް ޑޮލަރެވެ.
ހައުސިން މިނިސްޓްރީގައި މިދިޔަ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ ޗެކް ހަވާލުކޮށްދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ފޫކާނެވެ. ސަރުކާރުގެ ފަރާތުން ޗެކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.