ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖަނަރަލް ސެކެޓްރީގެ މަގާމަށް އެ އިދާރާގެ ކުރީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް އައްޔަނު ކޮށްފިއެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއަކާ 2014 ވަނަ އަހަރު ހަވަލުވުމާއި އެކު އޭރުގެ ޖެނަރަލް ސެކެޓްރީ އަކަށް ވެސް އައްޔަނު ކޮށްފައިވަނީ ބައްސާމުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި ދިޔަ މަހު ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންގެ މަގާމުން މުހައްމަދު ސަވީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ފީފާއިން ބައްސާމް އެ ކޮމެޓީގެ ޗެއާމަނަކަށް ހަމަ ޖެއްސުމުންނެވެ.

ބައްސާމް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުން އިސްތިއުފާ ދެއްވައި ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންގެ މާގާމާ ހަވާލުވެ ހޭދަވި މަހެއްހާ ދުވަހު، ވަގުތީ ގޮތުން ޖެނެރަލް ސެކެޓްރީގެ މަގާމް އަދާކުރެއްވީ މިނިވަން 50 މުބާރާތް ކާމިޔާބް ކަމާއި އެކު ކުރިއަށް ގެންގޮސްދެއްވި މުހައްމަދު އާދަމް އެވެ.

އަލުން ބައްސާމު ޖެނެރަލް ސެކެޓްރީގެ މަގާމަށް އައްޔަނު ކުރީ މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެ އިދާރާގެ ރައީސްގެ މަގާމަށް އަޙްމަދު ޠާރިޤު (ޓޮމް) އިންތިހާބް ވުމާއި އެކެއެވެ.

މީގެ ކުރިން ވެލެންސިއާ އަށް ކުޅުނު އަދި ފަހުން އެ ކުލަބު ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބާއްސާމު ޖެނަރަލް ސެކެޓްރީއަކަށް އައްޔަނު ކުރިއިރު އޭނާ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ދިވެހި ފުޓްބޯޅަ އާއިލާއާ ވެސް ވަރަށް ގާތުން މަސްތްކަތް ކުރައްވަމުންދާ ބޭފުޅެކެވެ.