01 Jun 2016, 19:55
އެކި ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އަދި މައްސަލައިގެ ތަހުގީގު ކުރިޔަށްދާގޮތް އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަމަޖައްސައިފި އެވެ.
ފުލުހުން ބުނީ، މިއަދުން ފެށިގެން ފުލުހުންނަށް މައްސަލައެއް ހުށަހެޅުމާ އެކު އެ މައްސަލަ ހުށަހެޅުނުކަން އެސްއެމްއެސް އެއް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތަށް އެނގިގެން ދާނެ ކަމަށެވެ.
އަދި މައްސަލަ ކޭސްކޮށް، މައްސަލަ ބެލުމަށް ކަނޑައެޅޭ އިންވެސްޓިގޭޝަން އޮފިސަރުގެ މައުލޫމާތާއި މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރާއި ގުޅޭނެ ނަމްބަރު އަދި މައްސަލައިގެ ކޭސް ނަމްބަރު، އެ މައްސަލަ ކޭސް ކުރާ ހިސާބުން، އެ މައްސަލަ ހުށަހަޅާ ފަރާތަށް އެންގޭނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން ހުށަހަޅާ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލްކުރުމުންވެސް އެ މައްސަލަ ހުށަހަޅާފަރާތަށް އެ މައުލުމާތު އެސްއެމްއެސް މެދުވެރިކޮށް އެންގޭނެ ކަމަށް ފުލުހުން ބުނެ އެވެ.
އެ ހިދުމަތާ ގުޅޭގޮތުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން އަންނަ ކަމަށެވެ.
މިއަދު ތައާރަފުވި ހިދުމަތާ އެކު އެ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދައިދިނުމަށް މިހާރުވެސް ތަފާތު ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަމަށް ފިކުރީ ވިދާޅުވި އެވެ.