02 Jun 2016, 14:42
މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ އޮފީހުގެ ފިލާގަނޑެއް ނައްޓުވައިގެން ވަދެ ދެ ލެޕްޓޮޕް ވަގަށް ނެގިކަން ސާބިތުވެ ހދ ކުޅުދުއްފުށި ސީސަންވިލާ، ޢަލީ މުޙައްމަދު 9 މަހާއި 18 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިއަ މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ޢަލީ މުޙައްމަދު 2012 ފެބްރުއަރީ 06 ވަނަ ދުވަހު މޯލްޑިވްސް އެނާޖީ އޮތޯރިޓީ އޮފީހުގެ ފިލާގަނޑެއް ނައްޓައިގެން ވަދެ އޭސަރ ބްރޭންޑްގެ ލެޕްޓޮޕަކާއި އޭގެ އެޑަޕްޓަރާއި ވާގަނޑުގެ އިތުރުން އެންއީސީ ބްރޭންޑްގެ ލެޕްޓޮޕަކާއި އޭގެ އެޑަޕްޓަރާއި ވާގަނޑު ވަގަށް ނަގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.
އޭނާ ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 32754 ދިވެހި ރުފިޔާއަށް އަރާކަމަށްވެސް ހުކުމުގައިވަނީ ބުނެފަ އެވެ.
އަލީ މުހައްމަދު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އާގާނޫނުލް އުގޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.