03 Jun 2016, 14:05
ޗައިނީސް ބަސް ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ "ކޮންފިއުޝަސް އިންސްޓިޓިއުޓް ސްކޮލާޝިޕް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓްމަންޓުން އިއްޔެ ހުޅުވާލާފައި ވަނީ ޗައިނާގެ އީސްޓް ޗައިނާ ނޯމަލް ޔުނިވަސިޓީ އިން ޗައިނީސް ލެންގުއޭޖުގެ ދާއިރާ އިން ޑިގްރީ އަށް ކިޔެވުމުގެ ފަސް ފުރުސަތެވެ.
ޑިގްރީއަށް ކިޔެވުމަށް ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ 13:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމު ހުށަހަޅާނީ ވެލާނާގޭގައި ހުންނަ އެ ޑިޕާޓްމަންޓުގެ ކައުންޓަރަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ، ކޯހަށް ހޮވޭ ކުދިން ޑިގްރީ ކޯސް ފެށުމުގެ ކުރިން އެއް އަހަރު ދުވަހުގެ ޗައިނީސް ލެންގުއޭޖް ކޯހެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ސްކޮލާޝިޕަށް ކުރިމަތިލާ މީހަކީ ޖީސީއީ އޯލެވެލް އިމްތިޙާނުން ފަސް މާއްދާ އިން ދަށް ވެގެން 'ސީ' ފާސް ލިބިފައިވާ، އަދި ކޯހާގުޅޭ މާއްދާތަކުން ޖީސީއީ އޭލެވެލް ތިން މާއްދާ އިން 'އީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.
އޭގެ އިތުރުން އިނގިރޭސިން ދަށް ވެގެން ޖީސީއީ އޯލެވެލް ފާހެއް އޮވެފައި، މި އަހަރުގެ ޖޫން ހަ ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
އެ ސްކޮލާޝިޕްގެ ދަށުން ޓިއުޝަން ފީ (އޮން ކެމްޕަސް)، އެކޮމޮޑޭޝަން ފީ، ކޮންމެ މަހެއްގެ ލިވިންގް އެލަވަންސް އަދި ދެކޮޅު ޓިކެޓް ކޯސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.
އެ ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.