އޭޝިއަން ކަޕް 2019 ކޮލިފައިންގެ ޕްލޭ އޯފްގައި ޔަމަނުގެ ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި ނަމަވެސް، ޔަމަނު އަތްދަށުނުވެ ރާއްޖެ ސަލާމަތެއް ނުވިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ޔަމަން އަތުން ރާއްޖެ ބަލިވީ 2-0 ލަނޑުންނެވެ. އެހެން ނަމަވެސް އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާވުމުން ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގޯލްކީޕަރު އިމްރާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގެ ކުޅުން ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ޔަމަނުން ރާއްޖޭގެ ގޯލަށް ނުރައްކާކުރަން ފެށި އެވެ. އެގޮތުން މެޗުގެ ތިން ވަނަ މިނެޓުގައި ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔަމަން ޓީމުގެ އަހްމަދު އަލީ ނަގައިދިން ހުރަހަކުން އެ ޓީމުގެ އަލާ މުހައްމަދު ބޮލުން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުން ޖަހައި އޭރިޔާޢިން ބޭރަށް ފޮނުވާލި އެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔަމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، އަލީ ފާސިރު (ސެންޓޭ) އުފެއްދި ހަމަލާ، ޔަމަނުގެ ގޯލްކީޕަރު އައްޔާޝް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ޔަމަނުން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ޔަމަނުގެ އަބްދުލް ވަސީ އަލް މަތާރީ ނަގައިދިން ހުރަހަކުން، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އައިމަން އަލް ހަގްރީ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޔަމަނުން ވަނީ ލަނޑެއްޖަހައި ލީޑު ނަގައިފަ އެވެ. ޔަމަނުގެ 17 އަހަރުގެ ކުޅުންތެރިޔާ އަހްމަދު އަލް ސަރޫރީ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ އައިމަން އަލް ހަގްރީ އެވެ. އޭނާއަށް ލިބުނު ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ފަސޭހަކަމާއެކު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ޔަމަނަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އައިމަން އަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ރާއްޖޭގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ހޮކޭ ދަނޑުން ބާލަން ޖެހުނީ އޭނާއަށް ކުރިމަތިވި ނޭވާހިތްލުމުގެ މައްސަލައަކާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޔަމަނަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. މުހައްމަދު އަލް ބުގްޝަން ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަބްދުލް ވަސީ އަލް މަތާރީ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން ޔަމަން ކުރީގައި އޮވެގެންނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ކައިރި ކައިރީގައި ޔަމަނުން އުފެއްދި ދެ ހަމަލާ ވެސް ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. ޔަމަނުގެ ފުރަތަމަ ހަމަލާ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދީ ޔަމަނުގެ އަބްދުލް ވަސީ އަލް މަތާރީ އެވެ. ރީބައުންސް ބޯޅައިން ދެވަނަ ހަމަލާ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދީ އައިމަން އަލް ހަގްރީ އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޔަމަނުން ވަނީ އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އައިމަން ދިން ބޯޅައަކުން ޔަމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އަކްރަމް ހަމޫދު އަބްދޯ އަލް ރަފީ އެވެ. ރާއްޖޭގެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވަރަށް ހުސްކޮށް ހުރެ އެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔަމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ފާސިރު އުފެއްދި ހަމަލާ، ޔަމަނުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ފާސިރަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ޔަމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށެވެ.

އޭގެ މިނެޓެއް ފަހުން ޔަމަނަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަބްދުލް ވަސީ ފޮނުވާލި ހަމަލާ، އިމްރާން ވަނީ މަތަކޮށްފަ އެވެ. އޭނާ މަސައްކަތްކުރީ އިމްރާންގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާށެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޔަމަނުގެ އަކްރަމްއަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ ވެސް ކީޕަރު އިމްރާން މަތަކުރި އެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ ޕްލޭ އޯޕްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޓްރަލް ދަނޑެއްގައެވެ. ޔަމަނުގެ ހަމަނުޖެހުންތަކާ ގުޅިގެން އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރުގަ އެވެ.