ރަމަޟާން މަހަކީ އިސްރާފު ކުރުމުގެ މަހަކަށް ނުހަދައި، ބޭނުންވާ މިންވަރަށް ހަރަދު ކުރުމުގައި ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ރޯދަމަހަކީ މުސްލިމުން ޝަފާއަތްތެރިކަމުގައި ލައްވާފައި މަހެއް ކަމަށާއި، އެހެންކަމުން އެ މަހުގެ ފައިދާ ލިބިގަތުމަށް ޓަކައި ނުރަނގަޅު ކަންކަމުން ދުރުވެ، އަޅުކަމުގައި ހޭދަކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

"ރަމަޟާން މަހަކީ އިސްރާފު ކުރުމުގެ މަހެއް ކަމުގައި ނުހަދައި ތިމާމެންނަށް ބޭނުންވާ މިންވަރަށް ހަރަދު ކުރުމުގައު ރައްކާތެރިވާށެވެ. ކުނީގެ ގޮތުގައި ކާބޯތަކެތި އުކާލަން ޖެހޭ މިންވަރަށް އެކަން ކުރާ ބަޔަކަށް ނުވަ ހަރުދަނާ ގޮތުގައި އެކަން ކުރާ ބަޔަކަށް ވަމާތޯ އެވެ." ހުތުބާގައި ގޮވަލާފައިވެ އެވެ.

ރަމަޟާން މަހަށް މަރުހަބާ ކިޔުމާ ގުޅޭ ގޮތުން މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ކީރިތި ރަސޫލާ، ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަތީ ކާބޯތަކެތި އެއްކުރެއްވުމާއި ގޭތެރެ ޒީނަތްތެރިކޮށް ބަދިގޭގައި ހިފައިގެންގުޅޭ ސާމާނާ ފަރުނީޗަރު ބަދަލުކުރެއްވުމުގައި އަދި އިސްރާފުގެ މިންވަރަށް ދިރިއުޅުމުގެ ހަރަދުތައް ކުރައްވައިގެން ނޫން ކަމަށެވެ.

"އެކަލޭގެފާނު ތައްޔާރުވެވަޑައިގަތީ އަޅުކަމާއި ޠާއަތުންނެވެ. ދީލަތިވެވަޑައިގެންނެވުންނާއި އޯގާވެރިކަމުންނެވެ. ރިވެތި އަހުލާގާއި ސުލޫކުންނެވެ." ހުތުބާގައިވެ އެވެ.

ހުތުބާގައި ވަނީ އެކަކު އަނެކަކު ދެކެ ރުޅި ނައިސް، ސުލްހަވެރިކަމުގެ މަހަކަށް ރޯދަ މަސް ހަދައި، މީހުންނަށް ހެޔޮކޮށް ހިތައި ޣީބަ ބުނުމާ މަލާމާތް ކުރުމުން ދުރުވުމަށް އަޒުމު ކަނޑައަޅައި އެފަދަ އަމަލުތައް ހުޓާލާ މަހަކަށް ރޯދަ މަސް ހެދުމަށް ގޮވާލާފަ އެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ރޯދަ މަސް އައުމުން ތިން ބަޔަކު އުފާ ކުރާނެ ކަމަށެވެ. އެއް ބަޔަކީ ސުންނަތް ރޯދަ ހިފައި އުޅުނު މީހުން ކަމަށާއި ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށް ވުމުން ރޯދަ މަސް އައުން ވާނީ އީދެއް އައުން ކަހަލަ ކަމަކަށް ކަމަށް ބުނެފައިވެ އެވެ.

އަދި ދެވަނަ ގިންތީގެ މީހުންނަކީ ރޯދަ މަހަކީ އެމީހުންގެ ގާތުގައި ކެއުމާއި ބުއިމާއި މުނިފޫހިފިލުވުމުގެ މަހަކަށް ވާތީ ކަމަށެވެ. ތިންވަނަ ގިންތީގެ މީހުންނަކީ ރޯދަ މަސް އައުމުން ލިބޭ ވިޔަފާރީގެ ފައިދާއަށް އުފާވާ މީހުން ކަމަށެވެ.