03 Jun 2016, 18:49
ޕެރިސް(ޖޫން 2): ފްރާންސަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމުގައި އެންމެ ބޮޑުކޮށް އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ރައީސް ފްރާންސުވާ ހޮލާންޑް ކުއްލި ހާލަތު އިއުލާން ކުރައްވައިފި އެވެ.
ފްރާންސަށް ހަފްތާ ބަންދު ތެރޭގައި އިތުރަށް ވާރޭ ވެހޭނެ ކަމަށް މީޓިއޮރޮލޮޖިސްޓުން ލަފާ ކޮށްފައިވާ އިރު ރައީސް ހޮލާންޑޭ ވަނީ މިތޫފާނުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރަން އެގައުމަށް ހިތްވަރު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިހާރު އެގައުމަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުގެ ރިވާ ސެއިން ބަންޑުން ވެދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ. ކޯރުގެ ފެންގަނޑު މިހާރު ވަނީ އާއްމުކޮށް ހުންނަ މިންވަރަށް ވުރެ 16 ފޫޓު މައްޗަށް އުފުލިފައެވެ. އަދި މާދަމާ ކޯރު ބަންޑުންވާނެ ކަމަށް މާހިރުން ލަފާ ކުރައްވަ އެވެ.
އެހެންކަމުން، ޕެރިހުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު މިއުޒިއަމް ކަމަށްވާ ލޫވް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އެމިއުޒިއަމްގައިވާ 250،000 އާޓްވޯކްތައް ރައްކާތެރި ސަރަހައްދުތަކަށް ބަަދަލު ކުރަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ފްރާންސުގެ އެކި ސަރަހައްދުތަކުން 5،000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާ އިރު 19،000 ގެޔަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ.
ފްރާންސުގެ އިތުރުން ވިއްސާރައިގެ އަސަރުކޮށްފައިވާ ޔޫރަޕުގެ ގައުުމުތަކުގެ ތެރޭގައި ޖަރުމަނާއި، ޔޫކްރެއިން އާއި ރޫމޭނިއާ ހިމެނެ އެެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން ޖަރުމަނުން 14 މީހަކު މަރުވެފައިވާ ކަމަށް ލަފާކޮށްފައިވާ އިރު ފްރާންސާއި ރޫމޭނިއާއިން ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.