މާލޭގައި މިއަދު ހަވީރު ހިންގި ގްރޫޕު މާރާމާރީއެއްގައި ކަރަށް ވަޅިހަރައި ޒަޚަމްކޮށްލި ކުއްޖާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ އެކުއްޖާ މަރުވީ މިރޭ 7:45 ގައި ކަމަށެވެ.

އެކުއްޖާ ކަރަށް ވަޅިހަރާފައި ވަނީ މިއަދު ހަވީރު 5:45 ހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. މިހާތަނަށް އަދި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ދެރަ ކަމަށެވެ. އަދި އޭނާގެ ކަރުގެ ކަނާތްފަރާތަށް ވަރަށް ފުންޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އެވެ.