04 Jun 2016, 01:00
އެމްޑީޕީ އޮފީސް ކުރިމަތީގައި އެޕާޓީން މިރޭ ކުރިއަށްގެންދިޔަ މާހެފުން ފުލުހުން މިރޭ ހުއްޓުވައިފި އެވެ.
މިރޭ 8:45 ހާއިރު އެމްޑީޕީ އޮފީސް ކުރިމަތީގައި މޭޒުތަކެއްގައި ކާބޯތަކެތި ބަހައްޓާފައި ވަނިކޮށް ފުލުހުން ވަނީ އެމޭޒުތައް ގެންގޮސްފަ އެވެ. މޭޒުތައް ނެގުމުގެ ތެރޭގައި ކާބޯތަކެތި ވަނީ ބިންމައްޗަށް ވަނީ ވެއްޓިފަ އެވެ.
މާހެފުން ހުއްޓުވުމަށް ގޮސްފައި ވަނީ އެސްއޯ ފުލުހުންނާއި އިތުރު ފުލުހުންތަކެކެވެ. ގިނަ އަދަދެއްގެ ފުލުހުން އެ ސަހައްދަށްގޮސް އެންގީ އެމްޑީޕީ އޮފީސް ކުރިމަތީގައި މާހެފުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ސަރަހައްދު ދޫކޮށްދިޔުމަށެވެ. ނަމަވެސް އެމްޑީޕީ އޮފީސް ތެރޭގައި އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުން ދިޔައީ ފުލުހުން އެކުރަނީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި މާހެފުން ކުރިއަށްދާނެ އެވެ.
ފުލުހުން މޭޒުތައް ނެގިވަގުތު ކާބޯތަކެތި ބިންމައްޗަށް ވެއްޓުމުން އަލުން ވަނީ އެތަނަށް ކާއެއްޗިހި ގެންގޮސްފަ އެވެ.
މާހެފުމަށްދިޔަ އެމްޑީޕީގެ ސަޕޯޓަރުން ވަނީ އޮފީސް ކުރިމަތީގައި ފުލުހުން ކައިރީ ކޮޅަށް ތިބެ ކެއުމުގެ ކަންތައް ކުރިއަށް ގެންގޮސްފަ އެވެ.
ފުލުހުން މާހެފުން ހުއްޓުވަން މަސައްކަތް ކުރުމާ އެކު އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުފާއަށް ގޮވައި އެ ސަރަހައްދުގައި އިހްތިޖާޖުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ މާހެފުން ފުލުހުން ހުއްޓުވީ ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ހުއްދަ ނުހޯދައި ހިނގައި ބިނގައިވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް މާހެފުން ކުރިއަށް ގެންދާތީ ކަމަށެވެ.
އެފަދަ ގޮތްގޮތަށް އަމަލު ނުކުރުމަށް މީގެކުރިން ފުލުހުން ވަނީ އެމްޑީޕީއަށް އަންގާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިރޭ ގެންދިޔަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އޭގެ ވެރިފަރާތާ ހަވާލުކުރާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން އެމްޑީޕީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.