އަންނަ ހޮނިހިރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސްވިޑެން ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗު މެންޗަސްޓާ ޔުނައިޓެޑަށް ސޮއި ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓް ކުރި ގޮތުގައި ޔުނައިޓެޑްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ހޯޒޭ މޮރީނިއޯ ފުރަތަމަ އޭނާގެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިއަކީ އިބްރަހިމޮވިޗު ކަމަށާއި އެ ޑީލް މިހާރު ވަނީ ނިމިފައި ކަމަށެވެ.

އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އިބްރަހިމޮވިޗު ޔުނައިޓެޑާ ގުޅުމަށް އެއްބަސް ވެފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ އިރު އެ ސައިޓްގައި ބުނީ ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް އާއި އިބްރަހިމޮވިޗުގެ އެޖެންޓް ވަނީ ހުރިހާ މަސްވަރާތަކެއް ނިމި އެއް ބަސްވުމަކަށް އައިސްފައި ކަމަށެވެ.

ޕީއެސްޖީ އާއި އެކު ޖެހިޖެހިގެން ހަތަރު އަހަރު ލީގް ހޯދައި އެންމެ ފަހުގު ތިން އަހަރު މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ އިބްރަހިމޮވިޗުގެ ފުޓްބޯޅަ ކެރިއަރު ސްވިޑަންގެ މަލްމޯ އިން ފެށިއިރު އޭނާ ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތައް ކަމަށްވާ އިޓަލީގެ ޔުއެންޓަސް އާއި އިންޓަރ މިލާން އާއި އޭސީ މިލާންގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އާއި އެކު ލީގް ވެސް ކާމިޔާބް ކޮށްފައެވެ.

ކުލަބް ލެވަލްގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗު އަށް މިހާތަނަށް ނުހޯދޭ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގް އުފުލާލުމެވެ. ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން ޗެމްޕިއަނސް ލީގް ކާމިޔާބް ކުރަން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފައިވާ އިބްރަހިމޮވިޗު މި ސީޒަން ޔުނައިޓެޑްގައި ހޭދަކުރާނަމަ އަދިވެސް ޖެހޭނީ އެ އިންތިޒާރީ މަޑު ޖައްސާލާށެވެ. އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގްގައި ކުޅުމުގެ ފުރުސަތު މެންޗެސްޓާއަށް ނުލިބެއެވެ.