04 Jun 2016, 14:54
ވޮޝިންޓަން (ޖޫން 4) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށް ބެލެވޭ ޑޮނަލްޑް ޓްރަމްޕް އެއިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ އިންތިޚާބު ކާމިޔާބު ކުރާނީ ޓްރަމްޕް ކަމަށާއި އެހިސާބުން އެމެރިކާގެ އެތެރޭގައި ހަމަޖުނުޖެހުންތައް އުފެދިދާނެ ކަމުގެ ބިރުވެސް ހީވެފައިވާ ކަމުގަ އެވެ. ފާއިތުވެ ދިޔަ ހަފްތާގައި ބޭއްވި ޓްރަމްޕްގެ ކޭންޕޭން އެއްވުމެއްގައި ވަނީ ހަމަނުޖެހުންތަކެއް އުފެދި ތަޅާފޮޅުންތަކެއް ވެސް ހިނގައިފަ އެވެ. އަދި ބުރާސްފަތި ދުވަހު ޓްރަމްޕްއާ ދެކޮޅަށް ކެލިފޯނިޔާގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި މީހުންނަކީ މަގުފޭރޭ ބައެއްކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފަ އެވެ. މިއެއްވުން ބޭއްވީ މުހާޖިރުންގެ ގޮތުގައި އެމެރިކާގައި ދިރިއުޅޭ މެކްސިކޯ ދަރިކޮޅުގެ ބަޔަކު އިސްނަގައިގެން ކަމަށްވެ އެވެ.
ޓްރަމްޕަށް ތާއީދުކުރާ މީހުން ވަނީ މިއެއްވުމުގެ ތެރެއަށްވަދެ ހަމަނުޖެހުންތައް ހިންގައިފަ އެވެ. އެގޮތުން ދެފަރާތުގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް ގޮންމުށުން ތެޅިކަމަށް ރިޕޯޓްތައް ބުނެ އެވެ. ކެލިފޯނިޔާގެ އިތުރުން ނިއުމެކްސިކޯގައި ވެސް ޓްރަމްޕަށް ތާއީދުކުރާ މީހުންނާއި އޭނާއާ އިދިކޮޅު މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ. ކެލިފޯނިޔާއާއި ނިއުމެކްސިކޯއަކީ ޣައިރުގާނޫނީ މުހާޖިރުން އެމެރިކާގައި އެންމެ ގިނަ ދެސަރަހައްދެވެ.

ޓްރަމްޕް
ޓްރަމަޕް ވަނީ އެމެރިކާގައި ޣައިރުގާނޫނީ ގޮތުން ދިރިއުޅޭ މުހާޖިރުން އޭނާގެ ވެރިކަމެއްގައި ބޭރުކޮށްލައްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މީގެ އިތުރުން މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް މުސްލިމުން އެމެރިކާ އަށް ވަނުން ހުއްޓުވާނެ ކަމަށް ވެސް ޓްރަމްޕްވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގައި ޣައިރުގާނޫނީ ގޮތުން ދިރިއުޅޭ މުހާޖިރުންގެ އަދަދު އެތައް މިލިޔަނަކަށް އަރާއިރު ޓްރަމްޕަށް ވެރިކަން ލިބިގެން އެމީހުން ބޭރުކަން އޭނާ މަސައްކަތް ފައްޓަވައިފި ނަމަ އެމެރިކާގެ އެތެރޭގައި ވަރުގަދަ ހަމަނުޖެހުންތަކެއް އުފެދި ގިނަ ބަޔަކު މަރުވާ ހިސާބަށް ކަންތައްތައް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޓްރަމްޕްގެ ސިޔާސަތަކީ އެމެރިކާ ދުނިޔޭގެ ކަންކަމުގެ ތެރެއަށް މާބޮޑަށް ނުވަދެ އެމެރިކާގެ އެތެރޭގެ ކަންކަން އިސްލާޙު ކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތެކެވެ.
އެމެރިކާއަކީ ދާޚިލީކަންކަން އިންތިހާއަށް ބޮއްސުންލާފައިވާ ގައުމެއް ނަމަވެސް އެގައުމުން އިސްކަން ދެނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެހެންގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށެވެ. މީގެއިތުރުން އެކި ގައުތަކުގައި ހަނގުރާމަތައް އުފެއްދުމަށާއި ހަނގުރާމަ ހިނގާ ގައުމުތަކުގެ ހަނގުރާމަތަކަށް "ދަރުއެޅުމަށް" އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އެމެރިކާގެ ބަޖެޓުން ޚަރަދު ކުރާއިރު ގައުމުތަކުގެ ކުރިއެރުމާއި ތަރައްގީއަށް އެމެރިކާ އެހީތެރިކަމެއް ނުދެ އެވެ.
އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ޖަރީމާތައް ގިނަ އަދި މަސްތުވާތަކެތީގެ ކަންތައްތައް ގިނަ އަދި ވައްކަމާއި މާރާމާރީއާއި މީހުން މަރުމާއި ރޭޕްކުރުން ފަދަ ޖަރީމާތައް އެންމެ ގިނަ ގައުމެވެ. ޓްރަމްޕްގެ ސިޔާސަތަކީ ބޭރުގައުތަކުގެ ކަންކަމުގެ ތެރެއަށްވަދެ އެގައުމުތަކަށް އެމެރިކާގެ ބާރާއި ނުފޫޒު ހިންގަން މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާގެ އެތެރޭގައި ފެތުރިފައިވާ މިބާވަތުގެ ޖަރީމާތައް ހުއްޓުވައި ހަނގުރާމައާއި ތަޅާފޮޅުމަށް އެމެރިކާ ކުރަމުން ގެންދާ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތެކެވެ. މިސިޔާސަތުތަކަށް އެމެރިކާގެ ހަރުމީހުން ދެކޮޅު ހަދާއިރު އެމެރިކާގެ ޒުވާނުން ގެންދަނީ ޓްރަމްޕަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ. (ނޫސްއެޖެންސީތައް)