05 Jun 2016, 22:09
ނިއު ދިއްލީ (ޖޫން 5): ކިޑުނީގެ ވަގު ވިޔަފާރި ކުރުމުގެ ތުހުމަތުގައި އިންޑިއާގެ ވެރިރަށް، ނިއު ދިއްލީން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެޕޯލޯ ހޮސްޕިޓަލުގެ ދެމުވައްޒަފަކު ހިމެނޭ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން ފަގީރު މީހުންގެ ކިޑުނީތައް ކުޑަ އަގަކަށް ގަތުމަށް ފަހު، ބޮޑު ފައިދާއެއް ލުމަށް ފަހު އެކިޑުނީތައް ވިއްކާލުމުގެ ތުހުމަތުގަ އެވެ.
ހައްޔަރުކޮށްފައިވާ އެޕޯލޯ ހޮސްޕިޓަލުގެ މުވައްޒަފުންނަކީ އެ ހޮސްޕިޓަލުގެ ކިޑުނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ޕާސަނަލް ސެކްޓްރީންގެ ގޮތުގައި ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ދެމީހުން ކަމަށް ޑީސީޕީ މަންދީޕް ސިންހު ރަންދަވާ ވިދާޅުވި އެވެ.
އެޕޯލޯ ހޮސްޕިޓަލުން ބުނި ގޮތުގައި ގޭންގު މެމްބަރުންތަކެއް އެކަންތައް ކޮށްފައި ވަނީ ޑޮކްޓަރުންނަށް އޮޅުވާލައިގެންނެވެ. އަދި އެމައްސަލައިގެ ތަހުގީގަށް ހޮސްޕިޓަލުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އެޕޯލޯ ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވި އެވެ. (އިންޑިއަން އެކްސްޕްރެސް)