06 Jun 2016, 12:13
މިދިޔަ ހުކުރު ދުވަހު 5:45 ކަންހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިނގި މާރާމާރީގައި ވަޅި ޖަހައި މަރާލި ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ ކުދިންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ހައްޔަރުކޮށްފައިވާ ދެ ކުދިންގެ ބަންދަށް ޖުވެނައިލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ހުކުރު ދުވަހު ދެ މާރާމާރީއެއް ހިނގާފައިވާ އިރު، ދެ މާރާމާރީގައި ވެސް ވަޅި ޖަހައި މަރާލީ 14 އަހަރުގެ ދެ ކުދިންނެވެ.
މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ފުރަތަމަ މާރާމާރީއާ ގުޅޭ ދެ ކުއްޖަކު އެކަންޏެވެ. އެހެން ނަމަވެސް ދެވަނަ މާރާމާރީގައި މަރުވި ކުއްޖާގެ މައްސަލައިގައި ހޯދަންޖެހޭ ފަރާތްތައް ހޯދަމުންދާ ކަމަށް މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވި އެވެ.
އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ މާފަންނުކޮޅު "ވައިކަންމަތި" އަދި "އީގަލްސް" ނަމަކަށް ކިޔާ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށެވެ. އެ މާރާމާރީ ހިނގީ އެދުވަހުގެ ހެނދުނު ހިނގި ދެބަސްވުމަކާއި ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިދިޔަ ހުކުރު ދުވަހު 5:45 ކަންހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިނގި އެ މާރާމާރީގައި ހަރަކާތްތެރިވެފައިވަނީ ގިނައިން ކުޑަކުދިން ކަމަށާއި އިރުޝާންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީވެސް 18 އަހަރުން ދަށުގެ ދެކުދިންކަމަށް ޝަތީހް ވިދާޅުވިއެވެ.
ވައިކަންމަތީ ގުރޫޕުގެ ކުދިން ޕިކަޕެއްގެ ތެރޭގައި ތިއްބައި އެތަނަށް އައި ހައެއްކަ މީހުންގެ ގުރޫޕަކާ އެމީހުންނާ ދެމެދު ހިނގި މާރާމާރީއެއްގައި އިރުޝާންގެ ގަޔަށް ވަޅި ހަރާފައިވާއިރު އޭނާވެސް ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވެފައިކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާގައި އިރުޝާންގެ ކަނދުރާމަތިން ދޮޅު އިންޗި ފުނަށް ވަނީ ޒަހަމްކޮށްލާފައި ކަމަށްވެސް ޝަތީހް ވިދާޅުވިއެވެ.

ދެވަނަ ހަމަލާގައި މަރާލާފައިވާ ފާތިރު--
އެދުވަހުގެ ރޭ ހިނގި ދެވަނަ މާރާމާރީއެއްގައި މަރާލާފައި ވަނީ މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ފާތިރަކީ، ފުރަތަމަ މާރާމާރީގެ ޝިކާރައަކަށް ވި އިރުޝާން މަރާލި މާރާމާރީގައި ހަރަކާތްތެރިވި ކުއްޖެކެވެ. ފާތިރަށް ހަމަލާދޭ ވީޑިއޯގައި ފެންނަނީ ފާތިރު އައިސް އެގޭ ދޮރޯށި ހުޅުވައިލާއިރަށް ދެ މީހަކު ވަދެގަންނަތަނެވެ. އެތަނުން އެކަކަކީ ކުޑަކުއްޖެކެވެ. އަނެ ކަކަށް 18 އަހަރު ފުރިފައިވާނެ ކަމަށްބެލެވެއެވެ.
އެގެއަށް ވަން ދެކުދިންގެ ތެރެއިން ކުޑަކުއްޖާގެ ސޯޓް ދަށުން ވަޅިއެއް ނަގައި ފާތިރަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ހަމަލާދިނުމުން ފާތިރު އެ ގޭތެރެއަށް ސިޑިން އަރަން މަސައްކަތްކުރުމުން ސިޑިމަތިންވެސް އެކުދިން އޭނާއަށް ހަމަލާދިނެވެ.