06 Jun 2016, 21:50
ބޮކްސް އޮފީހުގެ ތާރީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި އެނިމޭޓެޑް ކާޓޫންތަކުގެ ލިސްޓުން "ޒޫޓޯޕިއާ" ޖާގަ ހޯދައިފި އެވެ.
މިއީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް މިހާތަނަށް ހޯދި ހަތަރު ވަނަ އެނިމޭޓެޑް ކާޓޫން ފިލްމެވެ. އަދި މިއީ ޑިޒްނީ އިން ނެރުނު 26 ފިލްމުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ ލިސްޓަށް އެ ސްޓޫޑިއޯގެ ފިލްމެއް ޖާގަ ހޯދި 11 ވަނަ ފަހަރެވެ.
ބޮކްސް އޮފީހުގެ ތާރީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި އެނިމޭޓެޑް ކާޓޫންތަކުގެ ލިސްޓުގައި ދެން ހިމެނެނީ ޑިޒްނީ އެނިމޭޝަން ގެ "ފުރޯޒަން" (1.3 ބިލިއަން ޑޮލަރު) އާއި އިލުމިނޭޝަން އެންޓަޓައިންމަންޓްގެ "މިނިއަންސް" (1.2 ބިލިއަން ޑޮލަރު) އަދި ޕިކްސާގެ "ޓޯއީ ސުޓޯރީ 3" (1.063 ބިލިއަން ޑޮލަރު) އެވެ.
މީގެ އިތުރުން "ޒޫޓޯޕިއާ" އަކީ މިއަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި ދެވަނަ ފިލްމެވެ. ޑިޒްނީގެ "ކެޕްޓަން އެމެރިކާ" ސިވިލް ވޯރ" ވެސް ވަނީ މިއަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ.
މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރި އެ ކާޓޫން ފިލްމަށް ޑޮމެސްޓިކް މާކެޓްތަކުން 337.2 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބައިނަލްއަގްވާމީ މާކެޓް ތަކުން އެ ފިލްމަށް 662.8 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.