ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފްކުރުން ފަދަ ކަންތަކާ ގުޅިގެން އުކާލާ ކުނީގެ ނިސްބަތް އިންތިހާ އަށް އިތުރުވެފައިވާ އިރު ކުނި އުކާލާ އަގުތައް ވެސް އެހާމެ މައްޗަށް ގޮސްފި އެވެ.

އަގުތައް މައްޗަށް ގޮސްގެން އުޅެނީ ބާޖަށް އުކާލަންގެންދާ ކުނީގެ ނިސްބަތް ގިނަވުމުންނެވެ. ގިނަ ބަޔަކު މަގުތަކަށް ކުނި ޖަމާކޮށްފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

ސަން އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ޕިކަޕަކުން މީގެ ކުރިން 400 ރުފިޔާ އަށް ކުނި އުކާލި ނަމަވެސް މިހާރު ކުނި އުކާލަ ދެނީ 800 ރުފިޔާ އަށް ކަމަށެވެ.

ޓްރާންސްޕޯޓް ގަވައިދު ބުނާ ގޮތުން ކުޑަ ޕިކަޕެއްގެ ދަތުރުގެ އަގަކީ 40 ރުފިޔާ އެވެ. އަދި ބޮޑު ޕިކަޕެއްގެ ދަތުރުގެ އަގަކީ 70 ރުފިޔާ އެވެ.

އަގުތައް ހެރެން ހުރި ނަމަވެސް ޕިކަޕު ޑުރައިވަރުން ބުނަނީ އެއަގުތަކުގައި ދަތުރުކުރެވެން ނޯންނަ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ބާޖަށް އުކާލަންގެންދާ ކޮންމެ ކުނި ޓަނަކުން ޕިކަޕު ޑުރައިވަރު 200 ރުފިޔާ ދައްކަންޖެހުމެވެ.

އެހެންކަމުން މިހާރު ބޮޑުޕިކަޕެއްގެ ކުނި 820 ރުފިޔާ އަށް އުކާލަދޭ އިރު ކުޑަ ޕިކަޕެއްގެ ކުނި އުކާލަދެނީ 330 ރުފިޔާއަށެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދ ނާފިޒު ވިދާޅުވީ ޕިކަޕު ދަތުރަކަށް ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް ބޮޑު އަގު ނަގަމުންދާ ކަމުގެ ޝަކުވާ ހުށައަޅަމުން އަންނަ ކަމަށެވެ. ޕިކަޕު އަގުތަކަށް ވަކި ގަވައިދެއް އަދި ހެދިފައިނެތުމުން އަދަބު ދިނުމަށް ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެގަވައިދު ގެޒެޓްކުރެވި އަމަލު ކުރަން ފަށާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އަލަށް ހަދާ ގަވައިދާ އެކު ޕިަކަޕު ދަތުރަކަށް ނެގޭނެ އަދަދާއި އެއަށް އަމަލުނުކޮށްފި ނަމަ އެޅޭނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފައިވާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.