ކެޕިޓަލު މާކެޓު ޑިވެލޮޕުމަންޓު އޮތޯރިޓީ (ސީއެމްޑީއޭ)އަށް މެމްބަރުން އައްޔަން ކުރެއްވުން ސީދާ ރައީސުލްޖުމްހޫެރިއްޔާއަށް ހުންނަވާ ބޭފުޅަކާ ހަވާލުކުރާ ގޮތަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިހާރު ސެކިއުރީޓީޒުއާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ސީއެމްޑީއޭ އަށް މެމްބަރުން އައްޔަން ކުރާނީ "ވަޒީރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ" ކަމަށެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވަނީ ސެކިއުރިޓީޒްގެ ގާނޫނަށް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސީއެމްޑީއޭގެ ބޯޑު މެމްބަރުކަމުގައި ހުންނަވާ ބޭފުޅަކަށް ބޯޑު މެމްބަރު ކަމުން ވަކި ކުރެވޭނީ، ޖިނާއީ ކުށެއްކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އަމިއްލައަށް ބޯޑު މެމްބަރުކަމުން ވަކިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ހުށަހަޅައި އެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަތުމުން އެބޭފުޅަކު އެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.

އެ މަގާމަށް އައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް މެމްބަރަކު އަމިއްލަފުޅަށް މެމްބަރުކަމުން ވަކިވެވަޑައިގެންފި ނަމަ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ މެމްބަރެއްގެ ބަދަލުގައި ބޯޑު މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ޮސެކިއުރިޓީޒް ގާނޫނުގައި މިހާރު ބުނެފައި ވަނީ ސީއެމްޑީއޭގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި، އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ޝަރުތުތައް އެކަށައަޅާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން ރައީސުލްުޖުމްހޫރިއްޔާ ކަމަށެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އޮތޯރިޓީގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި، އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ޝަރްޠުތައް އެކަށައަޅާނީ ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ތަންފީޒުކުރާ ނުވަތަ ބަލަހައްޓާ ގާނޫނީ ނުވަތަ ރެގިއުލޭޓަރީ ކަންތައްތަކާއި ގުޅޭގޮތުން ސީއެމްޑީއޭއަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ދެހާސް ހަވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ސެކިއުރިޓީޒު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވި ސަބަބެއް ރިފާއު ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ސެކިއުރީޓީޒު މާކެޓު ތަރައްގީކޮށް ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސުގެ އެކި ބާވަތުގެ ޕުރޮޑަކްޓުތައް ރާއްޖެއަށް މާކެޓުކޮށް ތައާރަފުކުރުން ކަމަށެވެ. އަދި ގިނަ ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މަގުފަހި ކުރުމަކީވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިފާއު ވިދާޅުވި އެވެ.