އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފް ބުރުގެ ދެވަނަ ލެގު މެޗުން ވެސް ރާއްޖެ އަތުން މޮޅުވެ، ކޮލިފިކޭޝަންގެ ތިންވަނަ ބުރަށް ޔަމަން ދަތުރުކޮށްފި އެވެ.

ގަތަރުގެ ގްރޭންޑް ހައްމާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ރާއްޖެ އަތުން 2-0 ލަނޑުން ޔަމަނު ޔަމަން މޮޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ވެސް ރާއްޖެ އަތުން ޔަމަން މޮޅުވީ 2-0 ލަނޑުންނެވެ.

ޔަމަނުގެ ހޯމް މެޗު ގަތަރުގައި ކުޅެފައި ވަނީ ޔަމަނުގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ޔަމަނު ތިންވަނަ ބުރުގެ ޖާގައެއް ހޯދީ 4-0 ލަނޑުގެ އެގްރިގޭޓަކުންނެވެ.

ކޮލިފިކޭޝަންގެ ތިންވަނަ ބުރަށް ޔަމަން ދަތުރުކުރި އިރު، ރާއްޖެ އަށް އަދިވެސް ތިންވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޕްލޭ އޯފްގެ ރައުންޑް ދޭއް ގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ ލެގުގައި އެގްރިގޭޓުން ރާއްޖެއަށް ކުރި ހޯދިއްޖެ ނަމަ، ކޮލިފިކޭޝަންގެ ތިންވަނަ ބުރުން ޖާގަ ލިބޭނެ އެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔަމަނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު ފެނިގެންދިޔައީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ޔަމަނުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނެޓުގައެވެ.

މިރޭގެ މެޗުގައި އަނިޔާގައި ހުރިކަމަށް ބުނާ އަލީ އަޝްފާގު(ދަގަނޑޭ) އާއި މާލޭގައި ކުޅުނު މެޗުގައި ނޭވާ އަށް އުނދަގޫވެ ވަގުތުން ހޮސްފަތާލަށް ގެންދިޔަ މުހައްމަދު ރަޝީދު(ހޮކޭ) އަދި ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބައިވެރިވެފައެއް ނުވެ އެވެ.

މިރޭގެ މެޗަށް ރާއްޖޭގެ ޓީމު ނުކުތީ ހުރަސް ތަކަކާއެކު އެވެ. ރާއްޖޭގެ ޓީމުގެ ކޯޗު ރިކީ ހާބަޓް މަގާމުން ދުރުކޮށްފައިވާ އިރު، ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) އެވެ. އަދި ރާއްޖެ މެޗަށް ތައްުޔާރުވުމަށް ގަތަރުގައި ފަރިތަކުރަން ލިބުނީ އެއް ގަޑިއިރެވެ.

ޕްލޭ އޯފްގެ ރައުންޑް ދޭއްގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގު މެޗު ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގު މެޗު ރާއްޖޭގައި ކުޅޭ އިރު، ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ލާއޯސް ގައެވެ.