08 Jun 2016, 09:47
ރަމަޟާން މަހު ރޭގަނޑުގެ ހާރަކީ ވަރަށް މުހިންމު ކެއުމެކެވެ. ސުޙޫރު ނުވަތަ ހާރު ކެއުމަކީ ރޯދައަށް ހުންނަ މީހަކަށް ސުންނަތެކެވެ. މާދަމާ ރޯދައަށް ހުންނަ އިރު، ގައިގައި ހުންނަ ހަކަތައެއް ނުވަތަ ސްޓްރެންތެއް އުފެދޭނީ ރޭގަނޑު ހާރު ދަމުގައި، ހާރުގެ ގޮތުގައި ކާ އެއްޗަކުންނެވެ.
ފަޖުރުގެ އަލިކަން ފާޅުވާ ވަގުތުން ފެށިގެން އެ ދުވަހު އިރު އޮއްސެންދެން ކެއުން ބުއިމާ ދުރުހެލިވެ ހުރެ، ރޯދަ ހިފުމަށް ތިބާ ތައްޔާރުކޮށްދޭ އެއްޗަކީ ރޭގަނޑުގެ ހާރު ކަމުގައި ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
އެހެންކަމުން، ހާރު ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތަކާ މެދު ވިސްނުމަކީ މުހިންމު ކަމެކެވެ. ހާރު ކާ ވަގުތު ވެސް ކާން ޖެހޭ ބާވަތްތަކަކާއި ކެއުމުން ދުރުހެލި ކޮށްލަން ޖެހޭ ބާވަތްތަކެއް ވެސް ހުރެ އެވެ.
ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާގެ ބާވަތްތައް ހާރު ދަމުގައި ކެއުން ބުއްދިވެރި އެވެ. ބަތް، ޕާން، އަލުވި ފަދަ ތަކެތި ރަނގަޅު ވާނެ އެވެ. މިތަކެތި ހަޖަމު ކުރުމަށް ވެސް ވަގުތު ނަގަ އެވެ. އެހެންކަމުން، އޭގެން ހަށިގަނޑަށް ޖައްސާ ވަރު ވެސް ދިގު މުއްދަތަކަށް ހަށިގަނޑުގައި ހުންނާނެ އެވެ.
އެހެން ނަމަވެސް މާ ގިނައިން ހަވާދާއި މިރުހުގެ ބާވަތްތައް ނުކައްޗެވެ. އޭރުން މޭ ނުބައި ކުރުމާއި، ބަނޑަށް އުނދަގޫވުން ފަދަ ކަންކަން އިހްސާސް ކުރެވޭނެ އެވެ. އެ އިހްސާސާ އެކު ރޯދައަށް ހުންނަން މާ ފަސޭހައެއް ނުވާނެ އެވެ.
ފައިބަރު ގިނަ އަދަދަކަށް ހުންނަ މޭވާ ވެސް ހާރު ދަމަށް ރަނގަޅު ވާނެ އެވެ. އާފަލު، ދޮންކެޔޮ، އެޕްރިކޮޓް ފަދައިން، ފައިބަރުން މުއްސަނދި މޭވާއާއި، އޯޓްސް އަދި ސަނާމުގު އަދި ބާރލީ ފަދަ ގޮވާމުގެ ބާވަތްތަކުގައި ވެސް ފައިބަރު މުއްސަނދި ވާނެ އެވެ. މިތަކެތި ކެއުމުން، ބަނޑު ފުރިހައި ހުންނަ ކަހަލަ އިހްސާސެއް ކުރެވޭނެ އެވެ. އަދި ބަނޑު ހަރުވުމުން ދުރުކޮށްދޭނެ އެވެ.
ޕްރޮޓީން ގިނަ ކާނާ ވެސް ހާރު ދަމުގައި ކާލުމަކީ ކުރެވިދާނެ ކަމެކެވެ. ކިރު، ބިސް، ކުކުޅު، ޔޯގަޓު ފަދަ ކާނާއަކީ ޕްރޮޓީނުން މުއްސަނދި ކާނާ އެވެ. ސޫޕްއަކީ ވެސް ހާރުދަމަށް ރަނގަޅު ކާނާއެކެވެ.
ހާރު ދަމުގައި ބޭނުންކުރުމުން ދުރުހެލިވާންވީ ބައެއް ކާނާވެސް ހުރެ އެވެ. ސަޔާއި ކޮފީގައި ކެފެއިން ހިމެނޭ އިރު، ކެފެއިންއަކީ ތިބާގެ ގައިގައި ހުންނަ ފެން މަދު ކުރުވާ ބާވަތެކެވެ. ހަށިގަނޑުން ފެން މަދުވާ ވަރަކަށް، ކަރު ހިއްކުމުގެ އިހްސާސް އިތުރުވެ، ރޯދައަށް ހުންނަން އުދަގޫ ވާނެ އެވެ.
ފޮނިކަން ގަދަ ކާނާ އަދި ބުއިންތަކާ ވެސް ދުރުހެލިވުން ބުއްދިވެރި އެވެ. ފޮނިގަދަ އެއްޗެއްސަކީ އަވަހަށް ހަޖަމުވާ ތަކެތި ކަމުން، މާ އަވަހަށް ވަރުބަލިވެ، ބަނޑުހައިކަން އިހްސާސް ކުރެވުމަކީ ވެދާނެ ކަމެކެވެ.
ފެނަކީ ވެސް ރޯދައަށް ތައްޔާރުވެ، ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުން އިހްސާސް ނުކުރުމަށް ޓަކައި ބޭނުންވާ އެއްޗެކެވެ. ނަމަވެސް ފެން މާ ގިނައިން ބުއިމަކީ ވެސް މައްސަލައެކެވެ. ހަށިގަނޑަށް ނުކަތާ ވަރަށް ފެން ބުއިމަކީ، ބަނޑުގައި ހުންނަ އެސިޑުތަކުގައި ހުންނަ އެސިޑިޓީ މިންވަރު ދަށް ކުރުވާ ކަމެކެވެ. ބަނޑުގައި ހުންނަ ކާނާ ހަޖަމުކުރުމަށް ތައްޔާރުކޮށްދޭ މައިގަނޑު އެއްޗަކީ ބަނޑުގެ އެސިޑުތަކެވެ. އޭގެ އެސިޑިޓީ ގެއްލިގެން ގޮސްފި ނަމަ، ހަޖަމު ކުރުމުގެ ޕްރޮސެސަށް އުނދަގޫވެ، ބަނޑަށް ވަރަށް ބޮޑަށް އުނދަގޫވުން އެކަށީގެންވެ އެވެ.